ކުޅިވަރު
އޭޝިއަން ޔޫތު ގޭމްސް: މެޑްލޭ ރިލޭ އަންހެން ޓީމުން ޤައުމީ ރެކޯޑު އައުކޮށްފި
އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރި ރާއްޖޭގެ މެޑްލޭ ރިލޭ އަންހެން ޓީމު / ފޮޓޯ: މޯލްޑިވްސް އޮލިމްޕިކްސް ކޮމެޓީ
ބަޙްރެއިންގައި މިހާރު ކުރިޔަށްދާ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން މެޑްލޭ އިވެންޓުގެ ސެމީ ފައިނަލް ހީޓްގައި ވާދަކޮށް، ރާއްޖޭގެ އެތުލެޓިކްސް ޓީމުން ޤައުމީ ރެކޯޑު މުގުރާލުމުގެ އިތުރުން، އެ އިވެންޓުގެ ފައިނަލް ހީޓުގައި ވެސް ވާދަކޮށްފިއެވެ.
މި އިވެންޓުގައި ރާއްޖެ ތަމްސީލް ކޮށްފައި ވަނީ މަރިޔަމް މައިހާ އާއި އައިޝަތު ލުހްޔާ އާއި ޝުއާ އަޙުމަދު އަދި އަމަތުﷲ ބިންތު ޔާމީންއެވެ. މި ޓީމުން ސެމީފައިނަލްގެ ހީޓު ނިންމީ 2:31.25 މިނެޓުންނެވެ. އަދި މި ހީޓުން ރާއްޖޭގެ ޓީމު ވަނީ ތިންވަނަ ހޯދާފައެވެ.
ކުރިން މި ރެކޯޑު ހަދާފައި އޮތީ 2:43.17 މިނެޓުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑު އައުކުރި ޓީމުގައި ހިމެނުނީ އައިޝަމް ޝައިމް އަޒީޒާއި، ޙައްވާ މުޒްނާ ފާއިޒް އާއި އައިޝަތު ނުބްލާ ނާޙިދު ޝައުގީ އަދި ޖަޒްލާ ޙަސަން އަޙުމަދު ހިމެނޭ ރިލޭ ޓީމުންނެވެ.
މި އިވެންޓުގެ ފައިނަލް ހީޓު ރޭ އޮތްއިރު، އެ ހީޓު ރާއްޖޭގެ ޓީމަށް ނިންމުނީ 2:32.68 މިނެޓުންނެވެ. މި ވަގުތާއެކު ރާއްޖޭގެ ޓީމަށް ފައިނަލް ހީޓުން ލިބުނީ 7ވަނައެވެ.
މި އިވެންޓުން ރަން މެޑަލް ހޯދީ ޔޫއޭއީއިންނެވެ. އަދި ރިހި މެޑަލް އިންޑިއާ ހޯދިއިރު، ބްރޯންޒް ހޯދީ ޗައިނާއިންނެވެ.