ކުޅިވަރު
އެލްކްލެސިކޯ ކާމިޔާބުކޮށް ރެއާލްއިން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި
ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯ ކާމިޔާބުކުރީ މެޑްރިޑުން---
ސީޒަންގެ ފުރަތަމަ އެލްކްލެސިކޯ ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ ތާވަލުގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މެޑްރިޑްގެ ސެންތިއާގޯ ބާރނަބެއުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1އިންނެވެ.
މި މެޗުގައި މެޑްރިޑްގެ ޖޫޑް ބެލިންގްހަމް ވަނީ ގޯލެއް ކާމިޔާބުކުރުމުގެ އިތުރުން އެސިސްޓެއް ވެސް ކޮށްފައެވެ. މިއީ ކޮނޑު ހުޅުގެ ސާރޖަރީއަށްފަހު ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލު ވެސް މެއެވެ.
އަދި މި މެޗަކީ މެޑްރިޑާއި ހަވާލުވި ފަހުން ޒަބީ އަލޮންސޯގެ ފުރަތަމަ އެލްކްލެސިކޯއެވެ. އެއީ އޭނާގެ ފުރަތަމަ މެޗު ނަމަވެސް ފެނިގެން ދިޔައީ، ލީގުގެ އެންމެ ވާދަވެރި ޓީމާ ދެކޮޅަށް އަލޮންސޯގެ ރޭވުންތައް ރަނގަޅަށް މަސައްކަތް ކުރި ތަނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ކީލިއަން އެމްބައްޕޭ ވަނީ ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް ރެފްރީ ނިންމީ އެ ބޯޅަ ހޯދިއިރު އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.
އަދި އޭގެ އެގާރަ މިނެޓު ފަހުން ބެލިންގްހަމްގެ އެސިސްޓަކުން އެމްބައްޕޭ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފައެވެ.
ބާސެލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 38ވަނަ މިނެޓުގައި މާކަސް ރަޝްފޯޑު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން ފަރމިން ލޮޕޭޒްއެވެ.
ނަމަވެސް ހާފު ނިމުމުގެ ކުރިން ބެލިންގްހަމް ވަނީ މެޑްރިޑަށް އަނބުރާ ލީޑު ހޯދައިދީފައެވެ. ވާތް ފަރާތުން، މަތިމަތިން ވިނީސިއަސް ޖޫނިއަރ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލު ފަހަނައަޅާ ގޮސް، ގޯލް އޭރިއާގެ ރޮނގު މައްޗަށް ކަހަލަ ގޮތަކަށް ވެއްޓެން ދަނިކޮށް، ގޯލުގެ ކުރިމަތީގައި ހުރި ބެލިންގްހަމްއަށް އެ ބޯޅަ ބޮލުން ކުޅެދިނީ އެޑަރ މިލިޓާއޯއެވެ. އަދި ބެލިންގްހަމް ވަނީ ވަރަށް ފަސޭހަކަމާއެކު، ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
އެމްބައްޕޭ ވަނީ ފުރަތަމަ ހާފުގެ އިތުރު މިނެޓުގައި ވެސް ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެ ފަހަރު ވެސް އޭނާ ބޯޅަ ހޯދީ އޮފްސައިޑުގައި ހުރެފައެވެ. އެހެންކަމުން އެ ގޯލު ވެސް ނުގުނައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މެޑްރިޑަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް، ބާސެލޯނާގެ ކުޅުންތެރިއެއްގެ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމާ ގުޅިގެން މެޑްރިޑަށް ލިބުނު ޕެނަލްޓީ އެމްބައްޕޭ ފޮނުވާލިއިރު، ބާސެލޯނާގެ ގޯލް ބަލަހައްޓަމުން ދިޔަ ވޮޒިއެކް ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.
އޭގެ ފަހުން މެޗުގެ 67ވަނަ މިނެޓުގައި މެޑްރިޑް ކާމިޔާބުކުރި ގޯލު ވެސް ރެފްރީ ނިންމީ އޮފްސައިޑްކަމަށެވެ.
މި މެޗުގެ 72ވަނަ މިނެޓުގައި ވިނީސިއަސް ބަދަލުކުރުމުން، އޭނާ ވަނީ ނުރުހުން ފާޅުކޮށް ބެންޗަށް ނުގޮސް ޗޭންޖިން ރޫމަށް ގޮސްފައެވެ. އޭނާ އެނބުރި ބެންޗަށް އައީ އެތެރޭގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހުއެވެ.