ޚަބަރު
ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން އަލުން ހުޅުވާލާ 1 އަހަރުތެރޭ ޚިދުމަތް ފަށަނީ
 
                    ރާއްޖޭގައި ދުއްވި ހެލިކޮޕްޓަރެއް
ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެތެރޭގައި އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި ނިންމުން ނިންމާފައިވަނީ، ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހުށައެޅި ޝަރުތުތަކާ މެދު ކުންފުނިތަކުގެ ޝަކުވާތަކަށް ރިއާޔަތްކޮށް، އެ މިންގަނޑުތަކަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހުގައި ކަމަށް ވަޒީރު އަމީން ވިިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ވަޒީރު އަމީން މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް ދަތުރުފަތުރާ ބެހޭ ވަޒީރާ ސުވާލުކުރެއްވުމާ ގުޅިގެންނެވެ. މެންބަރު ސުވާލުކުރެއްވީ، މިއަހަރުގެ މާޗްމަހު ފެށުމަށް ނިންމާފައިވާ އެ ޚިދުމަތް ލަސްވަމުންދާ ސަބަބާއި، އެ މަސައްކަތް ފަށާނެ މުއްދަތާއި، އަދި އެ މަސައްކަތް ހަވާލުކޮށްފަވާ ކުންފުންޏާ ގުޅޭގޮތުންނެވެ.
މިކަމާ ގުޅޭގޮތުން ޖަވާބުދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ފުރަތަމަ ޕްރޮޕޯސަލް ހުޅުވާލީ، ދިވެހި ރައްޔިތުންނާއި ސަރުކާރަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ވަކި މިންވަރަކަށް ހިލޭ އެހީގެ ގޮތުގައި ޚިދުމަތް ދޭންޖެހޭ ގޮތަށް ޝަރުތުތައް ހިމެނުނެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، އޭރު ހުޅުވާލި ފުރުޞަތުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ޝަޢުގުވެރިކަން 36 ކުންފުންޏަކުން ފާޅުކުރިއެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށް ދިޔައިރު، މިފަދަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތަކުގައި ސަރުކާރުން ކަނޑައެޅި މިންގަނޑުތައް މާ ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރިއެވެ. "ހަމައެކަނި ޚިދުމަތުގެ ޓްކްސް ނަގާގޮތަށް އެކަނި އެކަން އޮންނަން ސަރުކާރުން ބޭނުން ނުވޭ. އެކަމުން ދަޢުލަތަށް އެންމެ ބޮޑު ފައިދާއެއް ހޯދޭނީ ކިހިނެތްތޯ ބެލީ. އެހެންވީމަ މެޑިކަލް އަދި ރެސްކިއު އޮޕަރޭޝަންގައި ހިލޭ އެހީ ދޭންޖެހޭގޮތަށް ހިމެނީ. ނަމަވެސް އެވަރު ބޮޑުކަމަށް ކުންފުނިތަކުން ހާމަކުރުމުން، އޭރުގެ އާރްއެފްޕީ ޤާނޫނީ އިމުގެ ތެރެއިން މިހާރު ވަނީ ބާތިލުކޮށްފައި." ވަޒީރު ވިދާޅުވިއެވެ.
ކުންފުނިތަކުގެ ހުރި ޝަކުވާތަކަށް ރިއާޔަތްކޮށް، ސަރުކާރުން ވަނީ އަލުން ޕްރޮޕޯސަލް މިންގަނޑުތައް އެކަށައެޅުމަށް ނިންމާފައެވެ. ވަޒީރު ވިދާޅުވީ، ކުރީގެ ތަޖުރިބާއަށް ބަލާފައި އާރްއެފްޕީއަށް ލުއި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. ކުންފުނިތަކުން ޝަޢުގުވެރިކަން ހުށައެޅުމާއި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ކުރިއަށް އޮތް މަހުގެ ތެރޭގައި ހުޅުވާލާނެއެވެ. "ޑިސެމްބަރުގެ ކުރިން ހުޅުވާލާ، އަހަރެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މި ޚިދުމަތް ދިނުމުގައި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެންމެ އެކަށީގެންވާގޮތުގައި މި ޚިދުމަތް ދިނުމަށް، ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރާފައިވާ ޤައުމު ކަމަށްވާ އެމެރިކާގެ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ބިނާކޮށް ދިރާސާއެއްވެސް ކުރިއަށް ގެންސްފައިވެއެވެ. މި ދިރާސާއިން ވަކި ބާވަތްތަކުގެ ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ރައްކާތެރިކަމާއެކު ދެވޭނެކަން ވަނީ އެނގިފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މީގެ 25 އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިން އިރު، ހިތާމަވެރި 3 ހާދިސާއެއް ހިނގާފައިވާތީ، ރައްޔިތުންގެ ހިތުގައި އެކަމާ މެދު ނުތަނަވަސްކަމެއް އަދިވެސް އޮތް ކަމަށެވެ. އެހެންކަމުން، މި ދިރާސާއާއި އަދި ޚިދުމަތްވެސް ބައްޓަންކުރާނީ ސީ.އޭގެ މިންގަނޑުތަކަށް އެންމެ ރައްކާތެރިކޮށްކަމުގެ ޔަގީންކަން ވަޒީރު މުޙައްމަދު އަމީން ވަނީ ދެއްވާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            