ޚަބަރު
މަޖިލިސް މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރު ޙުސްނީ މުބާރިކް
މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ކަނޑައަޅަން މަޖިލީހުން ފާސްކުރައްވައިފިއެވެ.
މި މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމު ހުސްވުމާ ގުޅިގެން، މަޖިލީހުން އައު މެންބަރަކު ކަނޑައެޅުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު، އިސްތިއުފާ ދެއްވި ރިޟާ ހުންނެވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައެވެ. ރިޟާ އިސްތިއުފާ ދެއްވީ އިއްޔެއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ނަން ހުށައެޅުމަށާއި ތާޢީދުކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޙުސްނީ މުބާރިކްގެ ނަން ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އެ ނަމަށް ތާޢީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސެވެ. މަޖިލީހުގެ ޖަލްސާގައި މި ނަމަށް ވޯޓަށް އެހުމުން، ޙުސްނީ މުބާރިކް އެ މަޤާމަށް އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވޯޓުދެއްވިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، މެންބަރުކަމުގެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެ މަޤާމަށް މީހަކު އަލުން ޢައްޔަންކުރަންޖެހެއެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ޖޭއެސްސީގެ މަޖިލީހުގެ މެންބަރުގެ މަޤާމު ފުރާފައެވެ.