ޚަބަރު
ރައީސްގެ ފާދިއްޕޮޅު ދަތުރުފުޅުގެ ތެރެއިން ކުރެންދޫއަށް ވަޑައިގެންފި
ރައީސް، ކުރެންދޫއަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފާދިއްޕޮޅު ކުރެންދޫއަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނުގެ ފާދިއްޕޮޅު ދަތުރުފުޅުގެ 2 ވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެންދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ބައެއް މުހިންމު ކަންކަން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކުރެންދޫ ބަނދަރު ތަރައްޤީކުރުމާއި، އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، އެރަށުގައި އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވާ، ޅ.އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލް ހުޅުއްވައިދެއްވާނެ އެވެ. މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ކުރެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ 04 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޅ. ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.