ދުނިޔެ
އެމެރިކާއިން އިސްރާއިލާއި ނަތަންޔާހޫ ކޮންޓްރޯލްކުރާ ކަމަށް ބުނުމުން ނަތަންޔާހޫ ރުޅިގަދަވެ އެކަން ދޮގުކޮށްފި
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ނަތަންޔާހޫ
އެމެރިކާއިން އިސްރާއިލާއި އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮންޓްރޯލް ކުރާ ކަމަށް ބުނުމުން ނަތަންޔާހޫ އެކަން ދޮގުކޮށްފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ އިސްރާއީލުން އޭގެ ސަލާމަތީ ނިންމުންތައް ނިންމަނީ މިނިވަންކަމާއެކު ކަމަށާއި، ޣައްޒާގައި ބޭރުގެ ބާރެއް ބޭނުން ނުވާނެކަން ނިންމާނީ އޭނާގެ ސަރުކާރުން ކަމަށެވެ.
އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ “އެމެރިކާއިން އަހަރެން ކޮންޓްރޯލްކޮށް، އިސްރާއީލުގެ ސަލާމަތީ ސިޔާސަތު ކަނޑައަޅާ ކަމުގެ ދައުވާތަކެއް އެބަހުރި، އެއީ ހަޤީޤަތެއް ނޫން” މިހެނެވެ.
ނަތަންޔާހޫ ވަނީ އިސްރާއީލުގެ ސިފައިންގެ ދިރިތިބި ހައްޔަރުވެފައިވާ މީހުން މިނިވަންކުރުމާއި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަނބުރާ ގެނައުމުގައި އެމެރިކާއިން ދެމުންދާ އެއްބާރުލުން ފާހަގަކޮށްފައެވެ.
އަދި އިސްރާއީލާއި އެމެރިކާއިން “މެދުއިރުމަތި އަލުން ބައްޓަން ކުރަމުންދަނީ އެކުގައި” ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެމެރިކާއާއި އެކު އޮތީ ޕާޓްނާޝިޕެއް ކަމަށާއި މިޕާޓްނާޝިޕް ވަނީ އޭގެ އެންމެ މަތީ ދަރަޖައަށް ވާސިލްވެފައި، ޚާއްސަކޮށް އީރާނާ ދެކޮޅަށް ހިންގި ހަނގުރާމައިގެ ދެވަނަ ފިޔަވަހީގައި ދިން އޮޕަރޭޝަނަލް އެއްބާރުލުން ނަތަންޔާހޫ ފާހަގަކުރިއެވެ.
“އަހަރެމެންގެ ސަލާމަތީ ކަންކަން ކޮންޓްރޯލްކުރަނީ އަހަރެމެން، ބައިނަލްއަޤްވާމީ ބާރުތަކުގެ ތެރެއިން އަހަރެމެންނަށް ބަލައިނުގަނެވޭނެ ސިފައިންނަކީ ކޮބައިކަން އަހަރެމެން ވަނީ ސާފުކޮށްދީފަ، އަހަރެމެން މިގޮތަށް ޢަމަލުކުރަމުން މިދަނީ، އަދި މިގޮތަށް ކުރިއަށް ވެސް ޢަމަލުކުރާނަން” ނަތަންޔާހޫ ބުނެފައިވެއެވެ.
ނަތަންޔާހޫގެ މި ވާހަކަތައް އައިސްފައިވަނީ، ހަމާސްއިން ހަތިޔާރު ބެހެއްޓުވުމުގެ މަޤްސަދުގައި އެމެރިކާގެ އިސް އޮފިޝަލުން މިދިޔަ ހަފްތާގައި އިސްރާއީލަށް ކުރެއްވި ދަތުރުތަކަކަށް ފަހުގައެވެ.
ޣައްޒާގައި ދެ އަހަރު ދުވަހު އިސްރާއީލުން ހިންގި ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ފަހު، ޓްރަމްޕްގެ މެދުވެރިކަމާއެކު ހަމަލާ ހުއްޓާލުމުގެ މުޢާހަދާއަކަށް އާދެވުނެވެ. ނަމަވެސް، އެ މުޢާހަދާއާއި ޚިލާފުވެ އިސްރާއީލުން ވަނީ އެތައް ހަމަލާތަކެއް ދީފައެވެ.