Ads by Stelco

ޚަބަރު

ސަރުކާރުގެ ޓެކްސީ ޚިދުމަތް ލަސްވެގެން އަންނަ ޖަނަވަރީ މަހު ފަށާނަން: ވަޒީރު އަމީން

ސަރުކާރުގެ ޓެކްސީ ޚިދުމަތް ލަސްވެގެން އަންނަ ޖަނަވަރީ މަހު ފަށާނަން: ވަޒީރު އަމީން

ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ޚިދުމަތް.

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2025، 02:24

27 އޮކްޓޯބަރު 2025، 02:24

ސަރުކާރުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ލަސްވެގެން އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ފަށާނޭ ކަމުގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ސަރުކާރުން ޓެކްސީ ލައިނެއް ފެށުމަށް ނިންމީ، ޓެކްސީ ހޯދުމުގައި ޢާންމުންނަށް ކުރިމަތިވާ ތުރާލަށް ނިމުމެއް ގެނެސް، ލިބިގަންނާން ފަސޭހަ ޚިދުމަތަކަށް ޓެކްސީ ޚިދުމަތް ހެދުމަށެވެ.

ވަޒީރު އަމީން މީގެ ކުރީން ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް މި އޯގަސްޓު މަހު ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މިހާރު މި ތާރީޚު އަންނަ ޖަނަވަރީއަށް ބަދަލުކޮށްފައިވާއިރު، މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އާ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މެންބަރަކު އަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖެ ގެންނާން ނިންމާފައިވާ ކާރުގެ ބާވަތަކީ އިލެކްޓްރޯނިކް (އީ.ވީ.) ކާރުތަކަކަށް ވުމާ އެކު، އެ ކާރުތައް ރާއްޖޭގެ ވެއްޓާ ނާމުނާސިބު ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ، ގިނަ މައްސަލަތަކެއް ކުރިމަތިވެދާނޭ ކަމަށް ކާރު އުފައްދާ ކުންފުނީން ބުނާ ކަމަށެވެ.

މި ގޮތުން، މި ކާރުތައް މޫދާ ގާތް ސަރަޙައްދުތަކުން ދުއްވާން ޖެހުމާ އެކު، ކާރުތަކަށް ލޮނުގެ އަޘަރު ފޯރާ މިންވަރު ކުޑަވެގެންދާ ގޮތަށް، ކާރުގެ ފަރުމާއަށް ބައެއް ބަދަލުތައް ގެންނާން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އަމީން އިތުރަށް ވިދާޅުވީ، މި ޚިދުމަތް ފެށުން ދިގުލައިގެންދާ މައިގަނޑު ސަބަބަކީ މިއީ ކަމަށާއި، މި ކަން ފުރިހަމަ ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ވުމާ އެކު، ލަސްވެގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އުޅަނދުތައް ގެނެވި، ޚިދުމަތް ދެވެން ފެށޭނޭ ކަމަށް ވަޒީރު ވަނީ އަންދާޒާ ކުރައްވާފައެވެ.

"އީ.ވީ. ވެހިކަލް ވީމަ އެކި ކަހަލަ މައްސަލަ ކުރިމަތިވޭ، މާޙައުލަށް ނުފެތޭނަމަ. ރާއްޖޭގައި ވަރަށް ލޮނުގެ އަޘަރު ކުރާނެ. އެހެންވީމަ އެ ކަމަށް ބަލައި، އުޅަނދުތަކަށް ގެންނަން ޖެހޭ ބަދަލުތައް މި ގެންނަނީ. އެހެން ވެސް ލަސްތަކެއް އުޅެނީ. ނަމަވެސް މި އަހަރު ނިމޭއިރު ނުވަތަ ޖެނުއަރީ މަހުގެ ތެރޭގައި ޚިދުމަތް ފަށާނަން." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން