ދުނިޔެ

އިސްރާއިލްގެ މަޖިލިސް މެމްބަރަކު ހުޅަނގު އައްސޭރީގައި އިސްރާއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ގޮވާލައިފި

އިސްރާއިލްގެ މަޖިލިސް މެމްބަރަކު ހުޅަނގު އައްސޭރީގައި އިސްރާއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ގޮވާލައިފި

އޮފީރު ކަސީފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޮކްޓޯބަރު 2025، 03:50

27 އޮކްޓޯބަރު 2025، 03:50

އިސްރާއީލުގެ ކްނެސެޓްގެ މެންބަރު އޮފީރު ކަސީފް ހުޅަނގު އައްސޭރީ ގައި އިސްރާއީލުން ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ.

 އޭނާ ބުނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ދެކޮޅު ހެދުމަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރެވުނު ކަމަށާއި، ހުޅަނގު އައްސޭރީ ޣައްޒާ ފަދަ ނުރައްކާތެރި ޙާލަތަކަށް ވެއްޓެންދެން އިންތިޒާރު ނުކުރުމަށް ގޮވާލާ ކަމަށެވެ. ކަސީފްގެ އިންޒާރުގައިވާ ގޮތުން އިސްރާއީލުން  މިހާރު ދަނީ އެފަދަ ނުރައްކާތެރި ޙާލަތަކަށް ހުޅަނގު އައްސޭރި ވައްޓާލުމާއި ގާތަށް ކަމަށެވެ.

ޔަހޫދީ-ޢަރަބި ޕާޓީ ކަމަށްވާ “ޑިމޮކްރެޓިކް ފްރަންޓް ފޯ ޕީސް އެންޑް އިކުއަލިޓީ” (އަލް-ޖަބްހަތުއް ދީމޫޤުރާތިއްޔާ ލިއްސަލާމް ވައްމުސާވާތު) ތަމްސީލު ކުރާ ކަސީފް އިތުރަށް ވިދާޅުވީ، އިސްރާއީލުގެ ތެރޭގައި ދާޚިލީ ހަނގުރާމައެއް ފެށުމަށް ވެސް އިންތިޒާރު ނުކުރުމަށް ގޮވާލާ ކަމަށާއި، އެ ޤައުމު ދަނީ އެފަދަ ނުރައްކަލަކާ ކައިރިވަމުން ކަމަށެވެ.

 އޭނާ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލީ މި ދެ ނުރައްކާ ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ. އެއީ ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ޔަހޫދީންގެ ސަރަޙައްދާއި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ނުރައްކާތަކެއް ކަމަށް އޭނާ ފާހަގަ ކޮށްފަައިވެއެވެ.

ކަސީފް ބުނެފައިވާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ހުޅަނގު އައްސޭރީގައި، ޚާއްޞަކޮށް ޒައިތޫނި ގަސްތަކުން މޭވާ ބިނުމުގެ މަސައްކަތް ކުރާ ފަލަސްޠީނުގެ ރައްޔިތުންނާއި އެކްޓިވިސްޓުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި ޢަމަލުތައް ވަރަށް ނުރައްކާތެރި ކަމަށެވެ.

 އޭނާ ތުހުމަތު ކުރާ ގޮތުގައި އިސްރާއީލުގެ ފައުޖުތަކުން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށް، ޓެރަރިސްޓް ވަޒަންވެރިންނަށް ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކުރުމާއި، ކާބޯތަކެތި ވަގަށް ނެގުމާއި، ފަލަސްޠީނުގެ ބިން ފޭރިގަތުމަށް ފުރުޞަތު ދީފައެވެ. 

ކަސީފް އިންޒާރު ދެމުން ބުނެފައިވަނީ މިކަންކަން ހިމެނެނީ ހުޅަނގު އައްސޭރި އިސްރާއިލްގެ ޔަހޫދީންެ ފޭރިގަނެފައިވާ ސަރަހައްދާއި ގުޅާލުމުގެ ރަސްމީ ޕްލޭނުގެ ތެރޭގައި ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުން ބުނާ ގޮތުގައި، ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގުމުގެ އިތުރުން، އިސްރާއީލުން ދަނީ ހުޅަނގު އައްސޭރީގެ ފަލަސްޠީނުގެ ރައްޔިތުން ބަދަލުކުރުމާއި، ވަޒަންވެރިވުމުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ޖަރީމާތައް އިތުރު ކުރަމުންނެވެ. މިއީ ހުޅަނގުއައްސޭރި އިސްރާއީލާ ގުޅާލުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ކަންކަމެވެ.

 މިދިޔަ ބުދަ ދުވަހު ކްނެސެޓުން ވަނީ ހުޅަނގު އައްސޭރި އިސްރާއީލާ ގުޅާލުމުގެ ބިލެއްގެ ފުރަތަމަ ކިޔުން ފާސްކޮށްފައެވެ. މިކަމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔައި ކުށްވެރިކޮށްފައެވެ. މި ގުޅާލުމުގެ ސަބަބުން އދ. ގެ ޤަރާރުތަކުގައިވާ ދެ ދައުލަތުގެ ޙައްލު (ފަލަސްޠީނާއި އިސްރާއީލުގެ ދައުލަތް) ގެނައުމުގެ ފުރުޞަތު ނިމުމަކަށް އަންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން