ޚަބަރު
ޅ. ހިންނަވަރުގައި ތަރައްޤީކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާއަޅައިފި
 
                    ބިންގާއެޅުން/ފޮޓޯ: ރައީސް އޮފީސް
ޅ. ހިންނަވަރުގައި ތަރައްޤީކުރާ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުގެ ބިންގާއަޅައިފި އެވެ.
ހިންނަވަރުގައި ބީއެމްއެލްގެ ބްރާންޗުގެ ބިންގާއަޅާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ވަޑައިގެންނެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، އަދި ހިންނަވަރު ކައުންސިލްގެ ރައީސްއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގ ގެ ޚިދުމަތް ފުޅާ ކުރެއްވުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަކަށް ވީއިރު، މިކަން ހާޞިލުކުރުމުގެ ގޮތުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ހަމަ އެހެންމެ، އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ބީއެމްއެލްގެ ބްރާންޗު ޤާއިމް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނައިރު، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ބޭންކިންގ ގެ ޚިދުމަތް ލިބިގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ. އަދި މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ
 
                 
                             
                                         
                 
                 
                                             
                                            