Ads by Stelco

ޚަބަރު

ހެޖުތެރޭން ނަގާ ބިޔަ ގަސްތައް އިންދާނީ ހުޅުމާލޭގެ އެކި ޕާކުތަކުގައި

ހެޖުތެރޭން ނަގާ ބިޔަ ގަސްތައް އިންދާނީ ހުޅުމާލޭގެ އެކި ޕާކުތަކުގައި

އެޗް.ޑީ.ސީ.ގެ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިނުގެ ދަށުން ބިޔަ ގަސްތައް ނަގަނީ.

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2025، 04:31

27 އޮކްޓޯބަރު 2025، 04:31

ހުޅުމާލޭގެ ހެޖުތެރޭން ނެގި ބިޔަ ގަސްތައް، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް ނިންމައިފިއެވެ.

"ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިނުގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގައި، ރަށުތެރެ ޞާފުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީ.އިން އިއްޔެ ވަނީ ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޛާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، ހެޖުތެރޭގައި އެ ފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމަޢުވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީއެވެ. މީގެ އިތުރުން، ހެޖުތެރޭގައި ހުރި ބިޔަ ގަސްގަހާގެހީގެ ސަބަބުން މަގުތާރަށް ވެސް ގެއްލުން ލިބިފައިވެއެވެ.

ވީމާ، އެ ފަދަ ސަރަޙައްދުތަކުގައި ހެދިފައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އަލުން އިންދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ. އަދި ހަމައެހެންމެ، ހުޅުމާލެ ފެހިކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ދަށުން، މަގަށް ގެއްލުންނުވާ ބާވަތުގެ ކުދި ގަސްގަހާގެހި ހެޖުތެރޭގައި އިންދުމުގެ ފުރުޞަތު ޢާންމުންނަށް ލިބިގެންދާނޭ ކަމަށް އެޗް.ޑީ.ސީ.އިން ބުނެއެވެ.

ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތުރާވާ ގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތް ދިނުމާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ތަކުރާރުކޮށް ޝަކުވާ ހުށަހަޅަމުން އައިސްފައިވާ ކަމަށް އެޗް.ޑީ.ސީ.އިން ފާހަގަކުރެއެވެ.

ވީމާ، އެޗް.ޑީ.ސީ.އިން ފެށި ކެމްޕެއިނުގެ މަޤުޞަދަކީ ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން