ޚަބަރު
"އެކުވެރި ފުލުހުންގެ ޙަރަކާތް" މުޅި ރާއްޖޭގައި ބާއްވަނީ!
"އެކުވެރި ފުލުހުންގެ ޙަރަކާތް" މުޅި ރާއްޖޭގައި ބާއްވަނީ!
ފަރުދުން
27 އޮކްޓޯބަރު 2025، 05:45
27 އޮކްޓޯބަރު 2025، 05:45
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ސައިބަރ ސެކިޔުރިޓީ އެވެއަރނެސް މަންތެވެ. މި މަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބާއްވާ އެއް ޙަރަކާތަކީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އެކުވެރި ފުލުހުންގެ ޙަރަކާތެ"ވެ.
މި މަހުގެ 25އިން ފެށިގެން 1 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޙަރަކާތް، މާލެ ސަރަޙައްދާއި ރާއްޖެތެރޭގެ އާބާދުވެފައިވާ އެންމެހައި ރަށްރަށުގައި ބާއްވާނެއެވެ. މި ޙަރަކާތުގެ ދަށުން، ކުދި ބޮޑު އެންމެހައި ދިވެހީންނާއި، ބިދޭސީން ވެސް ހިމެނޭ ގޮތަށް، ހޭލުންތެރިކަން އިތުރުކުރުމަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ގޮތުން، ސައިބަރ ކުށުގެ ބާވަތްތަކާއި، އޭގެ ނުރައްކައުތެރިކަން ހާމަކޮށްދިނުމާއި، އިންޓަރނެޓާއި މީސްމީޑިޔާ ސަލާމަތްތެރި ގޮތެއްގައި ބޭނުންކުރުމުގެ އަހަންމިއްޔަތު އޮޅުން ފިލުވައިދިނުމަށް މަޢުލޫމާތު ދިނުން އޮންނާނެއެވެ. އަދި ހަމަ އެހެންމެ، އޮންލައިން ޕްލެޓްފޯމްތަކުގައި އަމިއްލަ ޛާތީ މަޢުލޫމާތު ޙިއްޞާކުރުމުގައި ސަމާލުވާން ޖެހޭ ކަންކަން އުނގަންނައިދިނުމުގެ އިތުރުން، ސައިބަރ ކުށުގެ ޝިކާރައަކަށް ވެއްޖެ ޙާލަތުގައި ޢަމަލުކުރާނޭ ގޮތާއި، މައްސަލަ ހުށަހަޅާނޭ ގޮތް ވެސް ކިޔައިދެވިގެން ދާނެއެވެ.
މި ކަންކަމުގެ އިތުރުން، އޮންލައިން ހަނގާކުރުމާއި ފުރައްސާރަތަކުން ކުޑަކުދީން ރައްކައުތެރިކުރުމަށް އެޅިދާނޭ ފިޔަވަޅުތައް ބެލެނިވެރީންނަށް ކިޔައިދެވިގެންދާނޭ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ހިންގާ މި ޙަރަކާތުގެ ދަށުން، މަދަރުސާތަކުގެ އެސެމްބްލީގައި ދަރިވަރުންނަށް މަޢުލޫމާތު ދިނުމާއި، އެކި ޢުމުރުފުރާގެ ދަރިވަރުން ހިމެނޭހެން މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަންތައް ސްކޫލުތަކުގައި ކުރިއަށް ދާނެއެވެ. އަދި ސްކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރީންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި އިދާރާތަކަށް ޒިޔާރަތްކޮށް އިދާރީ މުވައްޡަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، ގޭބިސީތަކާއި ރަށްރަށުގެ އެކި ސަރަޙައްދުތަކުން ރަޢިއްޔަތުންނާ ބައްދަލުކޮށް، މަޢުލޫމާތު ދިނުމުގެ މަސައްކަތް ވެސް ފުލުހުން ކުރުމަށް ހަމަޖެހިފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، ސައިބަރ ކުށްތަކުން ރައްކައުތެރިވުމާ ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތަކާ އެކު ފޮޓޯ ނެގުމާއި، ލީފްލެޓް ބެހުމުގެ އިތުރުން މީސް މީޑިޔާގައި ބޭނުންކުރާ އެކައުންޓުތަކުގައި ވަރުގަދަ ޕާސްވޯޑެއް ބޭނުން ކުރުމާއި ގޮތް ނޭނގޭ ލިންކުތަކަށް ނުފިތުމާއި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތަކުގެ ސޮފްޓްވެއަރ އަޕްޑޭޓް ކުރުމުގެ ބޭނުންތެރިކަން ކިޔައިދެވިގެންދާނެ ކަމަށެވެ.