ޚަބަރު
ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް
ރައީސް، ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތަފުސީލު އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ހިންނަވަރުގައި ހިއްކާފައިވާ ސަރަޙައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ފުރިހަމަ ކޮށްދެއްވާނޭކަމަށާއި، މިހާރު ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތް ވެސް އަލުން ފައްޓަވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ހިންނަވަރުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ހިންނަވަރުގައި މިހާރު ހިނގަމުންދާ އެކި މަޝްރޫޢުތަކުގެ ތެރެއިން، މަގުހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޤާބިލިއްޔަތު އިތުރުކުރެއްވުމަށް ބޭނުންވާ އިތުރު އާލާތްތަކާއި މެޝިނަރީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭ ރާއްޖެ ގެނެސް، އެއް ރަށަށް ވުރެ ގިނަ ރަށުގައި އެއްފަހަރާ މަސައްކަތްކުރެވޭނޭ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން، ރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ، ބޭރު ތޮށި އުސްކޮށް، ބޭރު ތޮށީގައި އުޅަނދުފަހަރު އެޅޭނޭގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި، ރަށުގެ ކުންޏާއި ވަސީލަތް މެނޭޖުކުރުމުގެ މަސައްކަތާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވާނޭކަމަށާއި، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި ސްވިމިންގ ޓްރެކަކާއި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްޤީކުރައްވާނޭކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ، މަޑު ދުވެލީގައި ހިންނަވަރު ތަރައްޤީވަމުން އައި އައުން ނިމުމަކަށް ގެނެސް، ހަރު ދުވެލީގައި ރަށަށް ތަރައްޤީ ގެނައުން ކަމަށެވެ.