ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފި އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމަށް ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ ކުރިން މިކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާގުޅިގެންނެވެ.
އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަނުކުރައްވާފައި ވަނީ، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު އެވެ. މިއީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރެއްވީ، އެ ޤާނުނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެދަށުންނެވެ.