ޚަބަރު
ރާއްޖެއަށް ޒިޔާރާތްކުރި ޗައިނާގެ ފަތުރިވެރިންގެ ޢަދަދު 3 ލައްކައަށް ގާތަށް
ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މި އަހަރު ރާއްޖެއަށް ޒިޔާރާތްކުރި ޗައިނާގެ ފަތުރުވެރިންގެ ޢަދަދު 3 ލައްކައާ ގާތްކޮށްފިއެވެ. ޗައިނާއަކީ މިހާރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ ޖުމްލަ 290,941 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. 3 ލައްކައިގެ މުހިންމު ހައްދު ފަހަނައަޅާ ދިއުމަށް ދެން ބޭނުންވަނީ އެންމެ 9،059 ފަތުރުވެރިންނެވެ. މި ޢަދަދުތަކަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ޒިޔާރާތްކުރި 236,822 ފަތުރުވެރިންނާ އަޅާބަލާއިރު %22.8 ގެ ކުރިއެރުމެކެވެ.
ޗައިނާގެ މާކެޓުގެ މި ހަލުވި ކުރިއެރުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ވަނީ މުޅި ޖުމްލަ ގޮތެއްގައިވެސް ކުރިއަރާފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,798,421 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %10.1 ގެ އިތުރުވުމެކެވެ. ޗައިނާ އަކީ 2023 ވަނަ އަހަރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ޤައުމު ކަމުގައި ވީނަމަވެސް، މި އަހަރު ވަނީ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެނެސްދޭ މާކެޓުގެ މަޤާމަށް އަރާފައެވެ.
ޗައިނާގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން ގެނެސްދިނުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާ އާއި އިނގިރޭސިވިލާތް ހިމެނެއެވެ. މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ފަސް ޤައުމުގެ ތަފާސްހިސާބުތައް ތިރީގައި މިވަނީއެވެ:
· ޗައިނާ – 290,941 ފަތުރުވެރިން
· ރަޝިއާ – 222,604 ފަތުރުވެރިން
· އިނގިރޭސިވިލާތު – 159,125 ފަތުރުވެރިން
· ޖަރުމަންވިލާތު – 131,937 ފަތުރުވެރިން
· އިޓަލީވިލާތު – 119,098 ފަތުރުވެރިން
ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން %73.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި %21.4 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ހޭދަކޮށްފައިވެއެވެ. ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.
މިހާރުގެ ޢަދަދުތަކަށް ބަލާއިރު، އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަމުންދާކަން ފާހަގަކޮށްލެވެއެވެ.