ދުނިޔެ
އިސްރާއިލުން އަނެއްކާވެސް ޣައްޒާގެ 50 ޝަހީދެއްގެ ހަށިގަނޑެއް ހަވާލުކޮށްފި، އަނިޔާގެ އަސަރުތައް ކޮންްމެ ހަށިގަނޑަކުންވެސް ފެނުނު
ޣައްޒާގެ ޝަހީދުންގެ ހަށިތަކާ ހަވާލުވަނީ
އިސްރާއިލުން އަނެއްކާވެސް ޣައްޒާގެ 50 ޝަހީދެއްގެ ހަށިގަނޑު ހަވާލުކޮށްފިއެވެ.
މެޑިކަލް މަސްދަރުތަކުން ބުނެފައިވަނީ މި ހަށިތަކުން ވަރަށް ސާފުކޮށް އަނިޔާ އާއި ޒަޚަމްތަކުގެ ނިޝާންތައް ފެންނަންހުރި ކަމަށެވެ.
މި ފަހަރު ހަވާލުކުރި ހަށިތަކާއެކު، އޮކްޓޯބަރު 10 ގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ރެޑް ކްރޮސް މެދުވެރިކޮށް އިސްރާއީލުން އަނބުރާ ހަވާލުކުރި ޖުމްލަ ހަށިތަކުގެ އަދަދު ވަނީ 245 އަށް އަރާފައެވެ. މި ހުރިހާ ހަށިތަކުން ވެސް އަނިޔާގެ ނިޝާންތައް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ މިހާރު ކުރިއަށްދާ ހަށިތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، ކާކުކަން ނޭނގޭ 41 ފަލަސްޠީނުގެ މީހުންގެ ހަށިތައް ވަޅުލާނީ އެއް ވަޅެއްގައި ކަމަށް އިއުލާނުކޮށްފައެވެ. މި މަހުގެ ކުރީކޮޅު ވެސް އިސްރާއީލުން ހިފަހައްޓާފައި ހުރި 54 ފަލަސްޠީނުގެ މީހުންގެ ހަށިތައް ޣައްޒާގައި ވަޅުލާފައިވެއެވެ. އެ މީހުން އެއީ ކާކުކަން އަދިވެސް އެނގިފައި ނުވާކަމަށާއި އަދި އެއީ އިސްރާއީލުން ރަސްމީ ނަންތަކުގެ ލިސްޓެއް ދިނުމަށް ދެކޮޅު ހެދުމުގެ ސަބަބުން ކަމަށް ވެސް އެވުޒާރާއިން ބުނެއެވެ.
އޮތޯރިޓީތަކުން އާއިލާތަކަށް އެމީހުންގެ ގާތްތިމާގެ މީހުން ކާކުކަން ދެނެގަތުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއެވެ. ނަމަވެސް، ގިނަ ފަހަރު އަނިޔާގެ ސަބަބުން މޫނުގެ ސިފަތައް ވަރަށް ބޮޑަށް ބަދަލުވެފައި ހުރުމުގެ ސަބަބުން ކާކުކަން ދެނެގަތުމަށް ނާކާމިޔާބުވެއްޖެނަމަ، އެ ހަށިތައް ނަންބަރު ޖަހާފައިވާ މަހާނަތަކުގައި ވަޅުލެވެއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް 68,519 ފަލަސްޠީނުގެ މީހުން ޝަހީދުވެ، 170,382 މީހުން ޒަޚަމްވެފައިވެއެވެ. މި ގިނަ އަދަދެއްގެ ޤުރުބާނީންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.
މި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ %90 އަށް ވުރެ ގިނަ އާންމު ހިދުމަތްތަކުގެ އިމާރާތް ހަލާކުވެ، އެ ސިޓީ ވަނީ ހަލާކުވެފައެވެ.
އދ. އިން ލަފާކުރާ ގޮތުގައި މި ސަރަހައްދު އަލުން ބިނާކުރުމަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ހޭދަވާނެއެވެ.