ޚަބަރު
ކ. ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފަށައިފި
 
                    ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ކ. ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ.
އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙްމަދު ސަޢުދީއާއި، ދައުލަތުގެ ވަޒީރުންނާއި، ކާށިދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި މަޝްރޫއަކީ ކާށިދޫ ޞިއްޙީ މަރުކަޒުން ރައްޔިތުންނަށް ދެމުން އަންނަ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ހިންގަން ނިންމި މަޝްރޫއެކެވެ. މި އައު އިމާރާތް ޤާއިމުކުރުމުން ކާށިދޫގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެއް ނިޒާމަކީ ޞިއްޙީ ނިޒާމު ކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، އެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި، އާ ޚިދުމަތްތައް ފެށުމާއި، އެކިއެކި ބޮޑެތި ފަރުވާގެ ބަލިތަކަށްވެސް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ. ކާށިދޫ ޞިއްޙީ މަރުކަޒުގެ މި މަޝްރޫޢަކީ ވެސް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، އެތަންތަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.
 
                 
                             
                                         
                 
                 
                                             
                                            