ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
 
                    ރައީސް، ކާށިދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ކާށިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ކާށިދޫ ޞިއްޙީ މަރުކަޒު އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ކާށިދޫ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، ރަށުގެ ޞިއްޙީ މަރުކަޒުން ބައެއް ޚިދުމަތްތައް ނުލިބޭތީ އެކަމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހިއްސާކުރައްވާ، ރަށުގެ ޞިއްހީ މަރުކަޒުން އެކްސްރޭ އަދި ސްކޭންގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ކައުންސިލުން ވަނީ އެރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ ޓޫރިޒަމް ވިލެޖް ތަރައްޤީކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ރައީސްއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            