ޚަބަރު
ކ. ދިއްފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި
 
                    ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ކ. ދިއްފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ދިއްފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ދިއްފުށްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މި މަސައްކަތް އިފްތިތާޙު ކޮށްދެއްވީ، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް އެވެ. އަރިހުގައި ދާއިރާގެ މަޖިލިސް މެންބަރާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް، އަދި ދިއްފުށީ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ދިއްފުށީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެވެ. މި މަސައްކަތް ނިމޭއިރު ދިއްފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފަށްޓަވައިދެއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި، ރަށުގައި ހިނގަމުންދާ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވައެވެ.
 
                 
                             
                                         
                 
                 
                                             
                                            