ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ކާށިދޫ ކައުންސިލުން 1 ހެކްޓަރުގެ ބިން ދަނޑުވެރިކަމާ ބެހޭ ވުޒާރާއަށް ހަވާލުކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ކާށިދޫ ކައުންސިލުން 1 ހެކްޓަރުގެ ބިން ދަނޑުވެރިކަމާ ބެހޭ ވުޒާރާއަށް ހަވާލުކޮށްފި
ކ. ކާށިދޫގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެރަށު ކައުންސިލުން 1 ހެކްޓަރުގެ ބިން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބިން ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާށިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
20 އަހަރު ދުވަހުގެ މުއްދަތަކަށް ހަވާލުކުރެވުނު މި ބިމުގެ އެއްބަސްވުމުގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް މުހައްމަދު އާމިރެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރެވިގެންދާނެކަމަށެވެ. މީގެ ސަބަބުން ރަށު ފެންވަރުގައި ވަރުގަދަ ކާބޯތަކެތީގެ ނިޒާމުތަކެއް ޤާއިމުކުރެވި، ބޭރުން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވާ މިންވަރު މަދުކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނާއި، ވަޒީފާ އަދި ވިޔަފާރީގެ ފުރުޞަތުތައް މެދުވެރިކޮށް އިޤްތިޞާދީ ގޮތުން އެންމެންގެ ބައިވެރިވުން އިތުރުކުރެވިގެން ދާނެކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އަގުހެޔޮ، ޞިއްޙަތަށް ފައިދާހުރި އަދި ތާޒާ ކާބޯތަކެތި ލިބުމުގެ ފުރުޞަތު ފަހިކޮށްދީގެން ކެއުމުގެ ރައްކާތެރިކަން އިތުރުކުރުމާއި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ކެއުމުގެ ރައްކާތެރިކަމުގެ ގޮތުން ރަށުގެ މުޖުތަމަޢަށް މިންކުރެވޭ ފައިދާތަކެއް ފޯރުކޮށްދެވޭނެކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކާށިދޫގެ ޒުވާނުންނާއި، އަންހެނުންނާއި، އަދި ރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ދަނޑުވެރިކަމާއި، ވިޔަފާރީގެ ހުނަރުތަކާއި، އަދި ޓެކްނޮލޮޖީ ބޭނުންކުރުމަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެކަމަށް ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ކެއުމުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އާދަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައްވެސް ހިންގިގެން ދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ދާދިފަހުންވަނީ ކ. ހުރާއިންވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބިމެއް ކަނޑައަޅާފައެވެ.