ދުނިޔެ

ތުރުކީވިލާތުގެ ބަލިކެސީރު ޕްރޮވިންސަށް 6.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ތުރުކީވިލާތުގެ ބަލިކެސީރު ޕްރޮވިންސަށް 6.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބިންހެލުމާއި ގުޅިގެން މަގުތަކަށް ނުކުތް އާންމުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޮކްޓޯބަރު 2025، 02:08

28 އޮކްޓޯބަރު 2025، 02:08

 ތުރުކވީިލާތުގެ ބަލިކެސީރު ޕްރޮވިންސްގެ ސިންދިރްގީ ޑިސްޓްރިކްޓަށް، މެގްނިޓިއުޑް 6.1 ގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. 
 ތުރުކީގެ ކާރިސާ އަދި ކުއްލި ހާލަތު މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ) އިން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ހޯމަ ދުވަހުގެ ރޭ 10:48 ގައެވެ. މި ބިންހެލުމުގެ އަސަރު އިސްތަންބޫލާއި ވަށައިގެންވާ އެތައް ޕްރޮވިންސްތަކަށް ވަނީ ކޮށްފައެވެ.
އޭއެފްއޭޑީން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ އަޑިން 5.99 ކިލޯމީޓަރު އަޑީގައެވެ. ބިންހެލުމާ ގުޅިގެން ކުއްލި ހާލަތުގެ ޓީމުތައް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ބިންހެލުމުގެ ސަބަބުން ބަލިކެސީރުގެ ސިންދިރްގީ ޑިސްޓްރިކްޓްގައި ތިން އިމާރާތެއް ވަނީ ވެއްޓިފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން ދެ އިމާރާތެއް ހުރީ އަޚިސާރު ސްޓްރީޓްގައެވެ. އަނެއް އިމާރާތް ހުރީ ޖުމްހޫރިއްޔަތު ސްކުއަރގައެވެ. ޖުމްހޫރިއްޔަތު ސްކުއަރގައި ހުރި ދެ ބުރީގެ އިމާރާތުގެ ބިމުގެ ބައިގައި ތިން ފިހާރަ ހުރިއިރު، މަތީ ބުރި ބޭނުންކޮށްފައިވަނީ ގުދަނެއްގެ ގޮތުގައެވެ. އަޚިސާރު ސްޓްރީޓްގައި ހުރި ހަތަރު ބުރީގެ ދެ އިމާރާތަކީ އޮގަސްޓް 10 ވަނަ ދުވަހު އައި 6.1 މެގްނިޓިއުޑްގެ ބިންހެލުމުގައި ގެއްލުންވެ، ވެއްޓުމުގެ ބިރު އޮތުމުގެ ސަބަބުން ހުސްކޮށް ބަންދުކޮށްފައިވާ އިމާރާތްތަކެއް ކަމަށް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
ޔަލޯވާ ޕްރޮވިންސްގައި ބިންހެލުމުގެ އަސަރު ބޮޑަށް އިހުސާސް ކުރެވުމުން، އެ ސިޓީގެ ރައްޔިތުން ވަނީ ބިރުން މަގުތަކަށް ނިކުމެފައެވެ. ފިނި މޫސުމުގެ ދުވަސްތައް ކަމުން އެތައް ބަޔަކު ވަނީ ފިނިން ސަލާމަތްވުމަށް ރަޖާފަދަ ތަކެއްޗާއެކު މަގުތަކުގައި ވަގުތުތައް ހޭދަކޮށްފައެވެ. މި ޕްރޮވިންސުން ވެސް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ރޭ 10:48 ގައި އައި މައި ބިންހެލުމަށްފަހު، އެ ސަރަހައްދަށް އިތުރު ބިންހެލުންތަކެއް ވަނީ އައިސްފައެވެ. އޭއެފްއޭޑީން ރިކޯޑްކުރި ގޮތުގައި، 10:50 ގައި 4.2 މެގްނިޓިއުޑްގެ ބިންހެލުމެއް، 10:51 ގައި 4.0 މެގްނިޓިއުޑްގެ ބިންހެލުމެއް، އަދި 11:04 ގައި އަނެއްކާވެސް 4.0 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އައިސްފައެވެ.
އެ އޮތޯރިޓީން ބުނީ، މިހާރު ޓީމުތަކުން ދަނީ ގެއްލުންތައް ބަލައި، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ޚާއްޞަކޮށް ކުރިން ވެސް ގެއްލުންވެފައިވާ އިމާރާތްތައް ވެއްޓިފައިވާތީ، އިތުރު ރިސްކުތައް ބަލަމުންދާ ކަމަށް ވެސް އޮތޯރިޓީން ވަނީ ބުނެފައެވެ.


އައު ޗެޓެއް

Ads by MSS

މި ލިޔުން ކިޔާލުމުން