ޚަބަރު
ކ. ދިއްފުށީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
 
                    ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ކ. ދިއްފުށީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ފަށައިފި އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ މާލެއަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުالله މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ދާއިރާގެ މަޖިލިސް މެންބަރާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ދިއްފުށީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި މަޝްރޫޢުގެ ދަށުން، 22.97 ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި، 710 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް
ޖެހުމާއި، 670 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، މިހާރު ޖަހާފައި ހުރި ގްރޮއިންއަށް 270 މީޓަރު އިތުރުކުރުމާއި، މިހާރު ޖަހާފައި ހުރި ރިވެޓްމެންޓްގެ 300 މީޓަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢަކީ، 157.33 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢަކަށް ވާއިރު، މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.
 
                 
                             
                                         
                 
                 
                                             
                                            