ދުނިޔެ
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވެއްޖެ
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ
ފަރުދުން
28 އޮކްޓޯބަރު 2025، 03:01
28 އޮކްޓޯބަރު 2025، 03:01
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ކަމުގައިވާ ޝިންޒޯ އަބޭ ޤަތުލުކުރިކަމަށް ތުހުމަތުކުރެވޭ މީހާ، މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެއްޖެއެވެ.
ކުށުގެ ތުހުމަތު ރައްދުވާ ފަރާތް ކަމުގައިވާ 45 އަހަރުގެ ޓެޓްސުޔާ ޔަމަގާމީ ބުނީ، އޭނާއާ މެދު ދެކެވޭ ހުރިހައި ވާހަކަތަކަކީ ޙަޤީޤަތް ކަމަށެވެ.
ޔަމަގާމީ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަބޭ އަވަހާރަކޮށްލީ، އޭނާ އަމިއްލައަށް ފަރުމާކުރި ބަޑިއަކުންނެވެ. އެއީ 2022ވަނަ އަހަރު، ސިޔާސީ ކެމްޕޭން ޙަރަކާތެއްގައި ބޮޑުވަޒީރު އަބޭ ހުންނަވަނިކޮށެވެ.
ކުރީގެ ބޮޑުވަޒީރު އަބެއަކީ ހަރުކަށި ޚާރިޖީ ސިޔާސަތުތަކެއް ގެންގުޅުއްވުމުގެ އިތުރުން، "އަބެނޮމިކްސް" ނަމަކަށް ކިޔާ އިޤުތިޞާދީ އިސްތިރާޖެއް ގެންގުޅުއްވި ބޭފުޅެކެވެ. އަބޭގެ ހަށިކޮޅަށް ޔަމަގާމީ ޖެހި ބަޑީން އެތަށް ވަޒަނެއް އަރައި، ހަސްފަތާލަށް ގެންދެވުނެވެ. ހަސްފަތާލުގައި ފަރުވާދެމުން ދަނިކޮށް، ހަމަ އެދުވަހު އަބޭ ވަނީ އަވަހާރަވެފައެވެ. މިކަމަކީ އޭރު ބައިނަލްއަޤުވާމީ ދުނިޔެއަށް ސިހުން ގެނުވި ޙާދިޘާއެކެވެ.
ބޮޑުވަޒީރު އަބޭ އަވަހާރަކޮށްލުމަކީ، އަބޭގެ ޕާޓީ ކަމުގައިވާ "ލިބެރަލް ޑިމޮކްރެޓިކް ޕާޓީ" (އެލް.ޑީ.ޕީ.) އަދި "ޔުނިފިކޭޝަން ޗަރޗް" ދެމެދުގައި އޮތް ގުޅުން ފައުޅުވުމަށް މެދުވެރިވި ޙާދިޘާއެކެވެ. މިގޮތުން، ޔަމަގާމީ އަބޭ އަވަހާރަކޮށްލީ، ޔުނިފިކޭޝަން ފައްޅި ޕްރޮމޯޓްކުރުމުން ކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ. ޔަމަގާމީ ދެކޭ ގޮތުގައި، އެފައްޅިއަކީ އޭނާގެ ޢާއިލާ ބިކަ ޙާލުގައި ޖެހުމަށް މެދުވެރިވި މައި ސަބަބެވެ.
ޔަމަގާމީ ބުނާ ގޮތުގައި، އޭނާގެ މަންމަ ވަނީ އެފައްޅިއަށް 100 މިލިޔަން ޔެން (6 ލައްކަ 60 ހާސް ޑޮލަރު) ހަދިޔާކޮށްފައެވެ. ޔަމަގާމީގެ މަންމަ ފައްޅިއަށް މިފައިސާ ހިބަކުރީ، ފައްޅިއާ ދޭތެރޭ އޮތް އޭނާގެ "އިޚުލާޞްތެރިކަން" ހާމަކޮށްދިނުމަށެވެ. ނަމަވެސް ޔުނިފިކޭޝަން ޗަރޗްއާއި ކުރީގެ ބޮޑުވަޒީރު އަބޭގެ ސިޔާސީ ޕާޓީއާ ދެމެދު އޮންނަ ކަމަށް ބުނާ ގާތް ގުޅުމަކީ، މިފައިސާ ނާޖާއިޒު ގޮތުގައި އެޕާޓީން ބޭނުންކޮށްފައިވުމުގެ ޤަރީނާއެއް ކަމުގައި ޔަމަގާމީ ޤަބޫލުކުރެއެވެ.
ޔަމަގާމީގެ މިތުހުމަތުތަކާ ވިދިގެން، ޖަޕާނު ޢާންމުންގެ އެތައް އާދޭސްތަކަކަށްފަހު، އެޤައުމުގެ ސަރުކާރުން ވަނީ ފައްޅީގެ ފަންޑިންގ އަދި ސިޔާސީ ގުޅުންތަކާ ބެހޭ ތަޙުޤީޤެއް ފަށާފައެވެ. މިތަޙުޤީޤުގެ ތެރޭން، އެތައް ބަޔެއްގެ އަތުން ފައްޅީން ބިރުދައްކައިގެން ފައިސާ އަތުލާފައިވާ ކަމަށް ހެކިވެރީން ހެކިދީފައިވެއެވެ.
މިތަޙުޤީޤުތަކުގެ ސަބަބުން، މިއަހަރުގެ މާރިޗު މަހު ޓޯކްޔޯ ކޯޓުން އަމުރުކުރީ، ޔުނިފިކޭޝަން ޗަރޗް އުވާލުމަށެވެ. މިއާއެކު، އެފައްޅިއަށް ޓެކްސް ޤާނޫނުން އިސްތިޘްނާވުމަށް ލިބިފައި އޮތް ޙައްޤު ބާޠިލުވެ، ފައްޅީގެ ފަންޑުގައި ހުރި މުދައުތައް ވިއްކާލުމަށް މަޖުބޫރުވިއެވެ.
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަބޭ އަވަހާރަކޮށްލި މައްސަލައިގައި ޔަމަގާމީގެ މަންމަ ހެކިވެރިއެއްގެ ގޮތުގައި ޙާޟިރުކުރާނޭ ކަމަށް ބެލެވިފައިވާއިރު، ފައްޅިއާ މެދު މަންމަ ދެކޭ ހެޔޮ ނަޡަރިއްޔާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް މީޑިޔާތަކުގައި ވެއެވެ. މިގޮތުން، ޔަމަގާމީގެ މަންމަ ބުނީ ޔަމަގާމީ އަބޭ އަވަހާރަކޮށްލުމަކީ ފައްޅިއާ ދޭތެރޭގައި އޮތް އޭނާގެ އިޢުތިޤާދު އިތުރަށް ވަރުގަދަވެގެންދިޔަ ކަމެއް ކަމަށެވެ.
ޔަމަގާމީގެ މައްސަލައިގެ ޝަރީޢަތް އަންނަ ޖަނަވަރީ މަހުގައި ނިންމުމަށް ކަނޑައަޅާފައިވާއިރު، އަމިއްލަ ކުށަށް އިޢުތިރާފުވާ ޔަމަގާމީ ދަޢުވާކުރަނީ، ޖަޕާނުގެ ހަތިޔާރު ގެންގުޅުމުގެ ޤަވާޢިދާ އޭނާ ޚިލާފުވެފައިނުވާ ކަމަށެވެ. މިގޮތުން، އޭނާ އަމިއްލައަށް ފަރުމާކުރި ބަޑިއަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަތިޔާރުގެ ބާވަތްތަކާ ޣައިރުމުޠާބިޤު ބަޑިއެއް ކަމަށް ޔަމަގާމީގެ ޤާނޫނީ ވަކީލު ކޯޓުގައި ވަނީ ބުނެފައެވެ.
ބަޑީގެ ޙަމަލާތައް ނިސްބަތުން މަދު ޤައުމެއް ކަމުގައިވާ ޖަޕާނުގައި، އަބޭ އަވަހާރަކޮށްލުމުގެ ޙާދިޘާއަށްފަހު، އަމިއްލައަށް ފަރުމާކުރާ ބަޑިތަކާ ބެހޭ ޤާނޫނު އިތުރަށް ވަނީ ހަރުކަށިކޮށްފައެވެ.