ޚަބަރު
ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިންމާނަން: ރައީސް
 
                    ރައީސް، ދިއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، މާލެއަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިއަދު އެ ރަށުގައި ޢަމަލީ ގޮތުން ފެށި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އެ ރަށު ރައްޔިތުން އެތައް އަހަރެއްވަންދެން ކުރަމުންދިޔަ އުންމީދަކަށް އައި ނިމުމެއް ކަމަށެވެ. އަދި މިއަދު ފެށި މަޝްރޫޢުގެ ދަށުން، ދިއްފުއްޓަށް 23 ހެކްޓަރުގެ ބިން އިތުރުކުރެވުމުން، ރަށުގެ ބިމުގެ ޖާގަ ގާތްގަނޑަކަށް ދެގުނައަށް އިތުރުވާނޭކަމަށާއި، އެ ބިމަކީ ބޯހިޔާވަހިކަމަށާއި، ރަށު ފަތުރުވެރިކަމަށާއި، އުމްރާނީ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނޭ މުހިންމު ވަސީލަތަކަށް ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ، ދިއްފުށީގެ ތަރައްޤީއަށް މުހިންމު އިތުރު މަސައްކަތްތަކެއް ވެސް ފައްޓަވައިދެއްވާފައެވެ. އެގޮތުން، ދިއްފުށީގައި ކުނި މެނޭޖުކުރާ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ދިއްފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އަދި އުމްރާނީ ވަސީލަތް ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދިއްފުށީގައި ޤާއިމުކޮށްފައިވާ ސްޓެލްކޯގެ އައު އިންޖީނުގެ މިއަދު ވަނީ ހުޅުއްވައިދެއްވާފައެވެ.
މީގެ އިތުރުން، ރަށުގައި އިތުރު މިސްކިތެއް ބިނާކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ސްޕޯޓްސް ފިޝިން ބޮއި އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްފުށީގެ ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ މިއާއެކު، މި އަންނަ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން އެ ރަށުގައި ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ފެށިގެންދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިއްފުށީގައި ވޮލީބޯޅަ ކޯޓަކާއި، ހޭންޑްބޯލް ކޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތާކާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، ރަށުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ ބިނާރާއި ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެ ކަމަށެވެ.
 
                 
                             
                                         
                 
                 
                                             
                                            