ޚަބަރު
ބޮންޑުން ސިންގިރޭޓު ނެރުނު މައްސަލަ: 47 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގެ ޙުކުމް!
 
                    ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ނައްތާލަނީ. ފޮޓޯ: އެޑިޝަން.
 
                            ފަރުދުން
28 އޮކްޓޯބަރު 2025، 03:33
28 އޮކްޓޯބަރު 2025، 03:33
އެގްޒޮޓިކް އެންޓަރޕްރައިސެޒް ލިމިޓެޑްގެ ބޮންޑެޑް ވެއަރހައުސްއަކުން ގިނަ ޢަދަދެއްގެ ސިންގިރޭޓު ނެރުނު މައްސަލައިގައި، އެ ކުންފުނީން ދައުލަތަށް 47 މިލިޔަން ދިވެހި ރުފިޔާ ދެއްކުމަށް، ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.
ވައިގެ މަގުން ގެނައި އެ ސިނގިރޭޓުތަކުގައި ހިމެނެނީ ކެމަލް ޔެލޯ 180 ކޭސް، މެންޗެސްޓަރ ރެޑް 300 ކޭސް، އަދި އެމެރިކަން ލެޖެންޑް 110 ކޭހެވެ.
އެގްޒޮޓިކް އެންޓަރޕްރައިސެޒް ގެ ބޮންޑުގައި މި ސިނގިރޭޓުތައް ގެންގޮސް ރައްކައުކުރި ނަމަވެސް، 15 ކޭސް ފިޔަވައި އިތުރު ސިނގިރޭޓު ކޭހެއް ނެރެފައިވާ ކަމަށް ކަސްޓަމްސްގެ ލިޔެކިޔުންތަކުގައި ނެތެވެ. ވީމާ، ވަގަށް ނެރުނު ސިނގިރޭޓުތަކުގެ ޑިޔުޓީގެ ގޮތުގައި ދައްކާން ޖެހޭ 47،182،011 (ސާޅީސް ހަތް މިލިޔަން އެއް ސަތޭކަ އަށްޑިހަ ދެ ހާސް އެގާރަ) ރުފިޔާ ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ކަސްޓަމްސްއިން ވަނީ ދަޢުވާ އުފުލާފައެވެ.
މި ފައިސާ ދެއްކުމަށް އެގްޒޮޓިކް އެންޓަރޕްރައިސެޒްއަށް ތަކުރާރުކޮށް އެންގުމުން ވެސް އެ ކުންފުނީން ކިޔަމަން ނުވުމުން، އެ ކުންފުނީގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން އިއްޔެ ވަނީ މި ފައިސާ ދެއްކުމަށް ޙުކުމްކޮށްފައެވެ. ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ދީފައިވަނީ 14 ދުވަހުގެ މުހުލަތެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ފަދަ އެހެން މައްސަލައެއް ވެސް ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެއީ އެސް.ޖީ.އެމް. ބޮންޑެޑް ވެއާހައުސްއިން އެމެރިކަން ލެޖެންޑް މަރުކާގެ 250 ކޭސް ސިނގިރޭޓާއި، އަފްޒަލް މޮލާސެސް މަރުކާގެ 130 ކޭސް ޕައިޕް ޓޮބޭކޯ ވަގަށް ނެރުމުން، 20.7 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުން އުފުލާފައިވާ ދަޢުވާއެވެ.
 
                 
                                         
                 
                 
                                             
                                            