Ads by Stelco

ޚަބަރު

ތާރީޚީ ރެކޯޑެއް: އެންމެ ލީޑަރެއް، އެންމެ މަޤްސަދެއްގައި އެއް އަހަރާ އެގާރަ މަސްދުވަސް ތެރޭ ސަތޭކަ އަށްޑިހަ ހަތް ރަށަށް

ތާރީޚީ ރެކޯޑެއް: އެންމެ ލީޑަރެއް، އެންމެ މަޤްސަދެއްގައި އެއް އަހަރާ އެގާރަ މަސްދުވަސް ތެރޭ ސަތޭކަ އަށްޑިހަ ހަތް ރަށަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަތޮޅުތެރޭ ރަށްރަށަށް ޒިޔާރަތްކުރެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޮކްޓޯބަރު 2025، 04:08

28 އޮކްޓޯބަރު 2025، 04:08

ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ދިވެހި ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ކާމިޔާބީ ޙާޞިލުކުރެއްވީ އެމަނިކުފާނުގެ ވެރިކަމަށް އެންމެ 1 އަހަރާ 11 މަސްދުވަސް ނުވަތަ 23 މަސްދުވަސް ފުރިހަމަވުމުގެ ކުރިންނެވެ.

މި ތާރީޚީ ކާމިޔާބު ޙާޞިލުކުރެއްވީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ 3 ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރުފަހު ވަޑައިގަތުމާއެކުގައެވެ. މި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ވަޑައިގެންނެވިއެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.

މިއީ ދިވެހި ރިޔާސީ ތާރީޚުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ޒިޔާރަތްތަކެކެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައި މި ދަތުރުފުޅުތައް ނިންމަވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެކެވެ.

މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ، ފުޅާ ދާއިރާއެއްގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ބާބެއް ފެށުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ސީދާ މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ސަބަބުން، މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކާއި، އެކި މަރުޙަލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ ބަދަލުގައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއެކު އެއްމޭޒެއްގެދޮށުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ ފުރުޞަތު ފަހިވެ، ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖެހިގެންދާކަން ފާހަގަކުރެވެއެވެ.

މި ދަތުރުފުޅުތަކުގެ ތެރެއިން، ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި، ސުލްޙަވެރި، އަމާން ވެއްޓެއް ކަށަވަރުކޮށްދެއްވުމަށްޓަކައި އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް ވަކިވަކި ރަށްރަށަށް ޚާއްޞަ މަޝްރޫޢުތައް ތަޢާރަފުކޮށްދެއްވާފައިވެއެވެ. އެގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ލިބޭނެކަން ކަށަވަރުކޮށްދެއްވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. ނަމަވެސް، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ދެވެން ފެށީވެސް މި ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

ހަމަ މިފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކޮށް އެޚިދުމަތްތައް ފޯރުކޮށްދެއްވަން ފެއްޓެވީވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

މި ދަތުރުފުޅުތަކަކީ މުސްތަޤުބަލުގެ ރާއްޖެ ތަޢާރަފުވުމުގެ ސަފްޙާތަކެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ. އެގޮތުން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ. ވަކީން ޚާއްޞަކޮށް، އިޖުތިމާޢީ ފުދުންތެރިކަން ކަށަވަރުކޮށްދެއްވުމަށް މުހިންމު ނިންމެވުންތަކެއް ނިންމަވައި، އުންމީދީ ޚަބަރުތަކެއްވެސް ދެއްވިއެވެ.

ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، ރަށު ކައުންސިލް އިމާރާތްތަކާއި، ސްކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާ ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް، ޚުދު އެމަނިކުފާނު އެތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އެތަންތަނުގެ މުވައްޒަފުންނާއި، ޚިދުމަތް ހޯއްދަވާ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ޚިޔާލު ބަދަލުކުރައްވައި ހެއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކަކީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވާ އަދި މަންފާ ލިބޭ ރަށަކަށް ރާއްޖޭގެ ކޮންމެ ރަށެއް ހެއްދުމެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ފާޅުކަންބޮޑު ރަމްޒެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން