ޚަބަރު
އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން ޚާއްޞަ މަދަހަ މުބާރާތެއް ބާއްވައިފި
 
                    މުބާރާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން، މާލެ އަދި ހުޅުމާލެ ނާދީގައި "އިސްރަށްވެހިންގެ މަދަހަ މުބާރާތް 2025" ގެ ނަމުގައި ޚާއްޞަ މަދަހަ މުބާރާތެއް ބާއްވައިފިއެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތުގެ މަޤްޞަދަކީ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްރަށްވެހިންގެ މެދުގައި އެކުވެރިކަން އިތުރުކޮށް، ގުޅުން ބަދަހިކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތަކާއި ފަންނުތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި މަހުގެ 25 އަދި 26 ވަނަ ދުވަހު މާލެގައި ޤާއިމުކުރެވިފައިވާ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި މަދަހަ މުބާރާތުގައި 49 ފަރާތަކުން ވަކިވަކި މަދަހަ ހުށަހަޅާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، ގްރޫޕް ކެޓެގަރީގައި 10 ގުރޫޕަކުން ވާދަކޮށްފައިވާއިރު، ގްރޫޕް މަދަހަ އާއި ވަކިވަކި މެންބަރުން ހުށަހަޅައިދިން މަދަހަތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާގޮތަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އިސްރަށްވެހިންގެ ނާދީއަކީ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، ރާއްޖޭގައި ތިބި އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީގޮތުން ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން، ޚާއްޞަ ހަރަކާތްތްތަކެއް ހިންގޭނެ މަރުކަޒުތަކެއް ޤާއިމްކުރުމަށް އެމަނިކުފާނު ވެލެއްވި ވަޢުދުފުޅުގެ މަތިން ޤާއިމްކުރެވުނު މަރުކަޒުތަކެވެ.
އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
 
                 
                             
                                         
                 
                 
                                             
                                            