Ads by Stelco

ޚަބަރު

ކ. ތުލުސްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. ތުލުސްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޮކްޓޯބަރު 2025، 07:14

28 އޮކްޓޯބަރު 2025، 07:14

ކ. ތުލުސްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 

 މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިންނާއި،  ދާއިރާގެ މަޖިލިސް މެންބަރާއި، ދައުލަތުގެ ވަޒީރުންނާއި، ތުލުސްދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަޝްރޫއަކީ ތުލުސްދޫ ހޮސްޕިޓަލުން ރައްޔިތުންނަށް ދެމުން އަންނަ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ހިންގަން ނިންމި މަޝްރޫއެކެވެ. މި އައު އިމާރާތް ޤާއިމުކުރުމުން ތުލުސްދޫގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެއް ނިޒާމަކީ ޞިއްޙީ ނިޒާމު ކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، އެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި، އާ ޚިދުމަތްތައް ފެށުމާއި، އެކިއެކި ބޮޑެތި ފަރުވާގެ ބަލިތަކަށްވެސް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ. ތުލުސްދޫ ހޮސްޕިޓަލުގެ މި މަޝްރޫޢަކީ ވެސް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، އެތަންތަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން