ޚަބަރު
ތުލުސްދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި
ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ކ. ތުލުސްދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
ތުލުސްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެއަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގެ ފިޓްނަސް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިންނާއި، ތުލުސްދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ސަރުކާރުގެ އަމާޒަކީ، ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މީގެކުރިން ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ތުލުސްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާކަމަކަށް ވާއިރު، މި ސެންޓަރު ޤާއިމްކުރެވިގެންދިޔުމަކީ އެރަށުގެ ތަރައްޤީއަށް އިތުރުވެގެންދާ އައު ބޮޅެކެވެ.