Ads by Stelco

ޚަބަރު

ކަސްޓަމްސްއަށް ލިބެންޖެހޭ 600 މިލިއަނަށްވުރެ ގިނަ ފައިސާ އޮތީ ނުދައްކާ!

ކަސްޓަމްސްއަށް ލިބެންޖެހޭ 600 މިލިއަނަށްވުރެ ގިނަ ފައިސާ އޮތީ ނުދައްކާ!

މާލޭ އިންޓަނޭޝަނަލް ސީޕޯރޓް---

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2025، 08:53

28 އޮކްޓޯބަރު 2025، 08:53

މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ 600 މިލިއަނަށްވުރެ ގިނަ ފައިސާ މިހާތަނަށް އޮތީ ނުދައްކައިކަމަށް، އެ އިދާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ، ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އިޢުލާންކުރުމަށް ނިންމި އުސޫލާ ގުޅިގެން އާންމުކުރި މަޢުލޫމާތުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްއިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އެ އިދާރާއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ލިސްޓުގައި 680 ފަރާތެއް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ފަރާތްތަކަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވުމުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ ނުދެއްކުމާއި ކަސްޓަމަށް ދައްކަން ޖެހޭ އެހެނިހެން ފީތައް ނުދައްކާ ފަރާތްތައް ލިސްޓުގައި ހިމެނެއެވެ. މި ލިސްޓުގައި އާންމު ފަރުދުންނާއި ކުންފުނިތައް ހިމެނެއެވެ.

މި ލިސްޓުގެ އަދަދުތަކަށް ބަލާއިރު، ކަސްޓަމްސްއަށް އެންމެ ބޮޑު އަދަދެއް ދައްކަން ޖެހިފައި އޮތީ ސަލްޓަންސް އޮފް ދަ ސީސްއެވެ. އެ ކުންފުނިން ކަސްޓަމްސްއަށް ދޭންޖެހޭ 110 މިލިއަން ރުފިޔާ އެބައޮތެވެ. މިއީ އިމްޕޯޓް ޑިއުޓީއަށް މަކަރު ހެދިކަމަށް 2010 ވަނަ އަހަރު ކޯޓުން ސާބިތުވި މައްސަލައެކެވެ. މިމައްސަލައިގައި ކުރި ހުކުމް ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވަނީ ދަމަހައްޓާފައެވެ.

އަދި ލިސްޓުގައި 10 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ 16 ފަރާތެއް ހިމެނޭއިރު އޭގެ ތެރެއިން 14 ފަރާތަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޚިލާފުވެގެން ދައްކަން ޖެހޭ ޖުރީމަނާ ނުދައްކާ ހުރި ފަރާތްތަކެވެ.

 އިމްޕޯޓް ޑިއުޓީ އަދި ޕްރޮސެސިން ފީތައް ހިމެނޭ ގޮތަށް އެންމެ ބޮޑު އަދަދެއް ނުދައްކައިގެން އެގްޒޯޓިކް އެންޓަޕްރައިޒެސް ނަމަކަށް ކިޔާ ކުންފުންޏެއް ލިސްޓުގައި ވަނީ ހިމަނާފައެވެ. އެކުންފުނިން 47 މިލިޔަން ރުފިޔާ ދައްކަން ޖެހޭއިރު، އޯސީސީ ޕްރައިވެޓް ލިމިޓެޑުންވެސް 10.5 މިލިޔަން ރުފިޔާ އިމްޕޯޓް ޑިއުޓީއަށް ނުދައްކާ އޮތުމުން ކަސްޓަމްސްގެ ލިސްޓުގައި ވަނީ ހިމަނާފައެވެ.

ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލެއް ކަސްޓަމްސްއިން އާންމުކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުން ނަން އާންމު ކުރުމުގެ އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެނެވެ. ފުރަތަމަ މަރުހަލާގައި މައުލޫމާތު ޝާއިއުކުރާނީ ކަސްޓަމްސްގެ ވެބްސައިޓުގައެވެ. އަދި އޭގެ 15 ދުވަސް ފަހުން ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ މައުލޫމާތު ޝާއިޢުކުރާނެއެވެ. މި އުސޫލުގައިވާ ގޮތުން ނަން އާއްމުކުރާ ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ ކަސްޓަމްސްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ފަރާތެއްގެ ނަން އުނިކުރާނެއެވެ. ނަމަވެސް ސަރުކާރުގެ ގެޒެޓުގައި ނަން ޝާއިޢުކުރުމަށްފަހު އެ ނަމެއް އުންޏެއް ނުކުރާނެކަމަށް އުސޫލުގައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން