ޚަބަރު
ރައީސްގެ ރެކޯޑަކީ ރާއްޖޭގެ ތާރީޚުގައި މުގުރައިލުން ދެން ފަސޭހަ ނުވާނެ ޝަރަފްވެރި ރެކޯޑެއް: ވަޒީރު ސަޢީދު
ރައީސް، އަދި ވަޒީރު ސަޢީދު/ފޮޓޯ: ސަން އޮންލައިން
ރައީސްގެ ރެކޯޑަކީ ރާއްޖޭގެ ތާރީޚުގައި މުގުރައިލުން ދެން ފަސޭހަ ނުވާނެ ޝަރަފްވެރި ރެކޯޑެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ އެތައް އަހަރެއްވީ ދޮށީ ތާރީޚުގައި، އަދި ރާއްޖެ އިސްލާމްވުމަށްފަހު ލިޔެވެމުން އައި 900 އަހަރުގެ ދިގު ތާރީޚުގައި ޤައުމުގެ އެންމެ މަތީ ވެރިއަކު، ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވި މިއީ 2 ވަނަ ފަހަރު ކަމަށެވެ. ހަމަ އެހެންމެ، ވެރިކަމަށް 1 އަހަރާއި 11 މަހުން (ގާތްގަނޑަކަށް 110 ހަފުތާއިން) ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މީހުން އުޅޭ 187 ރަށާއި ސިޓީތަކަށް ޒިޔާރަތްކުރެއްވުމަކީ ނަމޫނާ މިސާލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ލިބިފައިވާ މަޢުލޫމާތު ކުށްނޫންނަމަ، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ރައީސްއަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރީން. ރައީސް ޑރ މުޢިއްޒު ރަށްރަށަށް ޒިޔާރަތް ކުރެއްވުމަކީ ރަށްތަކަށް އިސްކަން ދެއްވުމާއި، މުރާލިކަމުގައި ވެސް ނަމޫނާއެއް. މިއީ ރާއްޖޭގެ ތާރީޚުގައި މުގުރައިލުން ދެން ފަސޭހަ ނުވާނެ ޝަރަފްވެރި ރެކޯޑެއް.
ސަޢީދު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގައި ކޮންމެ ރަށެއްގެ ވެސް ރައްޔިތުންނާ ބައްދަލު ކުރެއްވާ، ކައުންސިލްތަކާއި އތމ ކޮމެޓީތަކާއި ބައްދަލުކުރައްވާފާއިވާ ކަމަށެވެ. ހަމަ އެހެންމެ، ރައީސްގެ އަރިހުގައި އެންމެ ކުރީ ސަފުގައި އިސްރަށްވެހީން ބަައިތިއްބަވާ އެބޭފުޅުންނަށް ޢިއްޒަތް ދެއްވާ، ކުޑަކުދީންގެ ޙާލު ބައްލަވާ، ސްކޫލް ކުދީން ހުށަހެޅި ކަންކަމަށް ވެސް ވަގުތުން އިޖާބަ ދެއްވާ، ކޮންމެ ރަށަކު ވެސް ތަރައްޤީގެ މަޝްރޫޢުތައް ފެއްޓަވާ، އަދި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމަ އެއާއެކު، މިހާރު ވެސް ވަރަށް ގިނަ ރަށްރަށަށް (63 ރަށަކަށް) 2 ވަނަ ޒިޔާރަތެއް ވެސް އެމަނިކުފާނު ކުރައްވާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދައުރު މެދަށް ދާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 2 ވަނަ ޒިޔާރަތް ނިންމަވާނެކަމަށް ބެލެވޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، މިކަން ވެގެންދާނީ މުޅި ޤައުމު ބަލައިގަންނާނެ އުފަލަކަށް އަދި ފަޚުރަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސްގެ މުހިންމު ރިޔާސީ ވަޢުދެއް ފުއްދެވުމަށް ކުރެއްވި މި ދަތުރުފުޅުން ރައްޔިތުންގެ ޙާލު ގާތުން ބައްލަވާ، ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ޙާލު އަމިއްލައަށް ދެކެވަޑައިގެން، ރައްޔިތުންނަށް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ ގާތްކަން ފެނި، މިކަމަކީ ރައްޔިތުންނަށް އަޅައިލެއްވުމުގައި ފެނިގެންދިޔަ ރީތި ނަމޫނާއެއް ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުތަކާއެކު، ކޮންމެ ރަށެއްގެ ރައްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢުތައް ފެށި، އަސާސީ ޚިދުމަތްތައް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން ލިބި، ލާމަރުކަޒީ ހަޤީޤީ ބާރުވެރިކަން ކަށަވަރުވަރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.