Ads by Stelco

ޚަބަރު

މިދިޔަ މަހު ކުޑަކުދީންނަށް އަނިޔާކުރުމުގެ 100 މައްސަލަ ހުށަހަޅާފައިވޭ: ޢާއިލީ ވުޒާރާ

މިދިޔަ މަހު ކުޑަކުދީންނަށް އަނިޔާކުރުމުގެ 100 މައްސަލަ ހުށަހަޅާފައިވޭ: ޢާއިލީ ވުޒާރާ

ކުޑަކުދީންނަށް އަނިޔާކުރުން.

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 03:03

29 އޮކްޓޯބަރު 2025، 03:03

މިދިޔަ ސެޕްޓެންބަރު މަހު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް 213 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކަން އެ ވުޒާރާގެ ތަފާސްޙިސާބުން ފައުޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ ޙިސާބުކިތާބުން ހާމަވާ ގޮތުގައި، މިދިޔަ މަހު ޗައިލްޑް ހެލްޕްލައިން (1412)އަށް ޖުމްލަ 1،800 ފޯނު ކޯލު ލިބިފައިވެއެވެ. މީގެ ތެރެއިން ގިނައީ ބޮޑެތި މީހުން ގުޅާފައިވާ ގުޅުންތައް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ޢާއިލީ ވުޒާރާއިން ބުނީ، މިދިޔަ މަހު އެ ވުޒާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޢަދަދު 213އަށް އަރާ ކަމަށާއި، އެ މައްސަލަތަކަށް އެ ވުޒާރާއިން ސަމާލުކަން ދީފައިވާ ކަމަށެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދީންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަމާއި، އެ ފަދަ 100 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަން ވުޒާރާގެ ޙިސާބުތަކުން އެނގެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް (ސެޕްޓެންބަރު މަސް)

-ކުދީންނަށް އިހުމާލުވުމުގެ: 32 މައްސަލަ

-ޖިންސީ ހާނިއްކައިގެ: 23 މައްސަލަ

-ޖިސްމާނީ ހާނިއްކައިގެ: 19 މައްސަލަ

-ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ: 7 މައްސަލަ

ގަނާ ލިބުމުގެ: 4 މައްސަލަ

ބްލެކްމެއިލް ކުރުމުގެ: 2 މައްސަލަ

ކުދީން ދޫކޮށްލާފައި ދިޔުމުގެ: 1 މައްސަލަ

ކުދީން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ: 1 މައްސަލަ

އިސްވެ ނަންގަނެވިގެން އެ ވަނީ ކުޑަކުދީންނާ ބެހޭ މައްސަލަތަކެވެ. މީގެ އިތުރުން، އެހެން ދާއިރާތަކުން އެ ވުޒާރާއަށް ހުށަހަޅާފައިވާ މައްސަލަތައް ވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި ގޮތުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސް ޙިސާބުތަކުން ދޭހަވާ ގޮތުގައި، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ ޖުމްލަ 36 މައްސަލައެއް އެ ވުޒާރާއަށް ސެޕްޓެންބަރު މަހު ހުށަހަޅާފައިވެއެވެ.

މީގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 14 މައްސަލައަކާއި، ނަފްސާނީ އަނިޔާ އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 13 މައްސަލައެއް ހިމެނެއެވެ.

އަދި ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލަ އަދި މުދަލަށް ގެއްލުން ދިނުމުގެ 2 މައްސަލައެއް ވެސް ހިމެނިގެން ވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާ ގުޅޭ 32 މައްސަލައަކާއި، ފިރިހެނުންނާ ގުޅޭ 4 މައްސަލައެކެވެ.

ޢާއިލީ މައްސަލަތަކުގެ ދާއިރާއަށް ބަލައިލާއިރު، މިދިޔަ މަހު ޢާއިލީ ހަމަނުޖެހުމާ ގުޅުންހުރި 42 މައްސަލައެއް ޢާއިލީ ވުޒާރާއަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ކުދީންނާ ބައްދަލުކުރުމުގައި ޖެހޭ 18 މައްސަލަ، ކުދީން ބެލުމުގައި ޖެހޭ 15 މައްސަލަ، ޙަޟާނާގެ 7 މައްސަލަ އަދި ދަރީންގެ ޚަރަދު ދިނުމުގައި ޖެހޭ 2 މައްސަލަ އެ ވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި އެންމެހައި ޢާޢިލީ މައްސަލަތުގެ ތެރޭގައި ހިމެނެނީ، އަންހެން ކުދީންގެ 25 މައްސަލައަކާއި، ފިރިހެން ކުދީންގެ 17 މައްސަލައެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 4 ކުއްޖަކު ވަނީ ޢާއިލާތަކާ ރީއިންޓެގްރޭޓް ކުރެވިފައިވެއެވެ. އަދި 3 ކުއްޖަކު ފޯސްޓަރ ޢާއިލާތަކާ ޙަވާލުކުރެވިފައިވެއެވެ. މީގެ އިތުރުން، 13 ކުއްޖަކަށް ވަނީ ވަޡީފާގެ ފުރުޞަތު ހޯދައިދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން