ޚަބަރު
ސަރުކާރު ކުންފުނިތަކުގެ ބަޖެޓު އެއްހަމައަކުން އެކުލަވާލާ ދިރާސާކުރުމަށް ޚާއްޞަ އުސޫލެއް އެކުލަވާލައިފި
ޕީސީބީ ހިންގާ އޮފީސް އިންނަ އިމާރާތް.
ހުލާސާ
ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެޖެޓް އެއްހަމައަކުން އެކުލަވާލާ ދިރާސާކުރުމަށް ޚާއްޞަ އުސޫލެއް އެކުލަވައިލައިފިއެވެ.
މިއީ ދައުލަތުގެ ވިޔަފާރިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓުކުރުމުގެ ޤާނޫނުގެދަށުން އެކުލަވާލާފައިވާ އުސޫލެކެވެ.
"ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލުކުރާނެ އާއްމު އުސޫލު" ޕީސީބީން މިހާރު އާއްމުކޮށް، ކުންފުނިތަކާއި ކަމާއި ގުޅުންހުރި ފަރާތްތަކަށް ވަނީ ފޮނުވާފައެވެ.
މި އުސޫލުގެ މަޤުޞަދެއްކަމުގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓު އެކުލަވާލުމާއި ރިވިއުކުރާ ގޮތްތައް އެއްހަމަކުރުމެވެ. އަދި ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލުކުރާނެ އާއްމު އިޖުރާޢަތު ކަނޑައެޅުމެވެ.
އަދި ހަމަމިއާއި އެކު ބަޖެޓު އެކުލަވާލުމުގައި ހަދަންޖެހޭ އާއްމު ދިރާސާތަކާއި ޕްރޮސެސްތައް ވަނީ އެއުސޫލުގައި ކަނޑައަޅައިފައެވެ.
މީގެއިތުރުން ބަޖެޓު ރިވިއުކުރުމަށް ޕީސީބީގެ ބޯޑަށާއި މާލީ ވުޒާރާއަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމުގައި ޢަމަލުކުރާނެ ގޮތްތައް އެއުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ފާސްކޮށްފައިވާ ކުންފުނީގެ ބަޖެޓަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ ކުންފުނީގެ ބޯޑުން އެ ބަދަލެއް ފާސްކުރުމަށްފަހު އެކަމާ ގުޅޭ ސަބަބު މާލީ ވުޒާރާއަށް ހުށައަޅަންޖެހޭނެއެވެ. އަދި ބަޖެޓު ބޭނުންކުރާ ގޮތާމެދު އޮޑިޓްތަކަށް ފާރަވެރިވެ، ރިވިއުކޮށް، ފާހަގަކުރެވޭ ހިރާސްތައް ކުންފުނީގެ އޮޑިޓް ކޮމިޓީއަށް ޤަވާއިދުން ހިއްސާކުރަންޖެހޭގޮތަށް ޕީސީބީގެ އުސޫލުގައި ވަނީ ހިމަނާފައެވެ.
އަދި ބަޖެޓު ރިޕޯޓް ރިވިއުތައްވެސް ޤަވާއިދުން ކުންފުނިތަކުން ހުށައަޅަމުން ގެންދަންޖެހޭނެ ކަމަށް އެއުސޫލުގައި ވަނީ ބުނެފައެވެ.
ޕީސީބީން ބުނެފައިވަނީ 2025ވަނަ އަހަރަށް ބަޖެޓު އެކުލަވާލުމުގެ މަރުހަލާ މިހާރު ފަށާފައިވާތީ، އާއްމުކޮށްފައިވާ ޢުސޫލާ އެއްގޮތަށް ބަޖެޓާ ގުޅޭ ލިޔެކިޔުންތައް އެކުލަވާލަން ފަށާނީ 2026ވަނަ އަހަރަށް ބަޖެޓު އެކުލަވާލާއިރުކަމަށެވެ.
އުސޫލު ޝާއިޢުކުރުމާއި ގުޅިގެން ކުންފުނިތަކާއި ގުޅޭ ބަޖެޓު ހާމަކުރުމުގެ މަސައްކަތާއި، ބަޖެޓު ރިވިއު ފޮނުވުމުގެ މަސައްކަތާއި، ބަޖެޓަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ އެ ބަދަލެއް ގެނައުމުގެ މަސައްކަތާއި އަދި އިންޓަރނަލް އޮޑިޓް ފަންކްޝަންއިން ކުރަންޖެހޭ މަސައްކަތްތައް މި އުސޫލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ޕީސީބީން ކަނޑައަޅައިފައިވެއެވެ.