Ads by Stelco

ޚަބަރު

ބޭންކުގެ ޙާލަތު ރަނގަޅުވެ، ޑޮލަރު ލިމިޓް އިތުރުކުރެވުނީ ރައީސާއި، ވުޒާރާއާއި، ބޭންކުގެ މަސައްކަތުން: ޝަރީފް

ބޭންކުގެ ޙާލަތު ރަނގަޅުވެ، ޑޮލަރު ލިމިޓް އިތުރުކުރެވުނީ ރައީސާއި، ވުޒާރާއާއި، ބޭންކުގެ މަސައްކަތުން: ޝަރީފް

ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ. މުޙައްމަދު ޝަރީފް.

farudhun logo

ފަރުދުން

29 އޮކްޓޯބަރު 2025، 04:06

29 އޮކްޓޯބަރު 2025، 04:06

ރައްޔިތުންނަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރެވޭ ޙާލަތަށް ބޭންކު މިހާރު ވާޞިލުވެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ. މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގެ އާބާދުވެފައިވާ ހުރިހާ ރަށަކަށް ބޭންކުގެ ޚިދުމަތް ފުޅައުކުރުން ފާހަގަކުރުމަށް، "ދިވެހީންގެ ބޭންކު މުޅި ރާއްޖެއަށް" މި ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ސީ.އީ.އޯ. ޝަރީފް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 2019ވަނަ އަހަރު ކުރިމަތިވި ކޯވިޑު ޢާލަމީ ވަބާއަށް ފަހު، ބޭންކުން ޑޮލަރު ދޫކުރެވޭ ވަރަށް ވުރެ ޙާލަތު ދަށްވެގެން ދިޔަ ކަމަށެވެ. މި ގޮތުން، 2023ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އޭރުގެ ސީ.އީ.އޯ. ވެސް މި ކަންބޮޑުވުންތައް ހިމަނުއްވާފައިވާ ކަން ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، 2019އާއި 2023 ވަނަ އަހަރާ ދެމެދު ބޭންކަށް ގަންނަން ލިބުނު ޑޮލަރަށް ވުރެ އިތުރަށް 330 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ޙިސާބުތަކުން ދައްކާ ކަމަށެވެ.

ބޭންކުގެ ޑޮލަރ އެކްސްޗޭންޖް ޕޮޒިޝަން ހުންނަން ޖެހޭ ވަރަށް ވުރެ މާ ދަށަށް ގޮސް، ޖެހިގެން އައި 4 އަހަރު ތެރޭ މާ ބޮޑު ކުރިއެރުމެއް ނުލިބި، އަޅުގަނޑު މަޤާމާ ޙާވާލުވިއިރު ހުރީ 20%ގައި. މި ޙާލަތަކީ ހުރިހާ ގޮތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ޖެހިދާނެ މިންވަރެއް.

ބީ.އެމް.އެލް.ގެ ސީ.އީ.އޯ. ޝަރީފް 

ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ. މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކު އޭރު އޮތް ޙާލަތަކީ ރައްޔިތުންގެ އެކި ބޭނުންތަކަށާއި ވިޔަފާރިތަކަށް ޑޮލަރު ދޫކުރެވޭ ވަރަށް ވުރެ މާ ނިކަމެތި ޙާލަތެއް ކަމަށެވެ. އެހެން ނަމަވެސް، މާލީ ވުޒާރާގެ މަދަދާއި، ބޭންކުގެ ބޯޑުން ހަރުދަނާ ނިންމުންތަކެއް ނިންމުމުގެ ސަބަބުން، މިހާރު އެ ބަލިކަށި ޙާލަތުން އަރައިގަނެވިފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ވުމާ އެކު، ޑޮލަރު އެކްސްޗޭންޖް ޕޮޒިޝަން ނެގަޓިވްގައި އޮތްވައި، ޕޮޒިޓިވްއަށް މި ވަނީ ބަދަލުކުރެވިފައެވެ.

މިއީ ޤައުމީ ފެންވަރުގައި އެކުގައި ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަމާއި ބޭންކު ހިންގުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް. ބޭންކު މި ވަނީ ޢާންމު ރައްޔިތުންނަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެވޭ ޙާލަތުގައި. އެހެންކަމުން ބޭންކުން ދޫކުރާ ޑޮލަރުގެ ނިސްބަތް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ބޭންކަށް ދިމާވެފައިވާ އޮތް ޙާލަތު ރަނގަޅު ކުރައްވަން ފިޔަވަޅު އެޅުއްވުމަށް ފަހު ކަން އަޅުގަނޑު ފާހަގަކުރަން.

ބީ.އެމް.އެލް.ގެ ސީ.އީ.އޯ. ޝަރީފް 

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ދޫކުރާ ލިމިޓު ކުޑަކޮށްފައިވަނީ ކޯވިޑުގެ ދުވަސްވަރުގައެވެ. އޭގެ ފަހުން، ޑޮލަރު ދޫކުރާ މިންވަރު އިތުރު ނުކުރެވި، ބޭރުން ވިޔަފާރިކުރާ މިންވަރު ވެސް ހިފަހައްޓަން އޮތީ މަޖުބޫރުވެފައެވެ. ނަމަވެސް، ވިޔަފާރިތަކަށް ޓީ.ޓީ. ކުރުމަށް ދޫކުރާ މިންވަރު އަދު 50%އަށް އިތުރުކޮށް، ކާޑުތަކަށް ދޫކުރާ ލިމިޓުވެސް ބޮޑުކުރަން މި ވަނީ ނިންމާފައެވެ.

މިއީ ބީ.އެމް.އެލް.އަށް ލިބުނު ކާމިޔާބީއެއްގެ އިތުރުން، ދިވެހި އިޤުތިޞާދާއި ޢާންމު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މި ކުރިއެރުމުގެ ސަބަބުން، މާލީ މުޢާމަލާތްތައް ކުރުމާއި، ބޭރުން ވިޔަފާރިކުރުމަށް ޢާންމުންނަށް އިތުރަށް ފަހިވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން