ޚަބަރު
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ޢައްޔަނުކުރީ ސީ.އޯ.އޯ.އަކަށް ހުންނެވި ޞަބީޙާ
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ޢައްޔަނުކުރި ޞަބީޙާ އަޙުމަދު.
ފަރުދުން
29 އޮކްޓޯބަރު 2025، 04:07
29 އޮކްޓޯބަރު 2025، 04:07
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ކުންފުނި ކަމުގައިވާ ވިޒިޓް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީ.އޯ.އޯ.)އަކަށް ހުންނެވި ޞަބީޙާ އަޙުމަދު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކޮށްފިއެވެ.
މި ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ.)އިން މިއަދު ވަނީ އިޢުލާނުކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ޞަބީޙާއަކީ، ޖުމޭރާ ގްރޫޕް، ފެއާމޮންޓް މޯލްޑިވްސް، އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިޒޯޓުތަކުގައި ސޭލްސް އެންޑް މަރކެޓިންގ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްއާ އެކު މަސައްކަތް ފެއްޓެވުމުގެ ކުރީން، ހިލްޓަން ހޮޓެލްސް އެންޑް ރިޒޯޓްސްގައި ސީނިއަރ ސޭލްސް މެނޭޖަރެއްގެ މަޤާމު ވެސް ޞަބީޙާ ވަނީ ފުރުއްވާފައެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރާ ގޮތުގައި،ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ޞަބީޙާ އެ ކުންފުނީގެ ބޯޑަށް ޢައްޔަނުކުރުމަކީ ބޯޑަށް މަރކެޓިން ދާއިރާއިން އިތުރު ތަޖުރިބާއާއި ހުނަރުތަކެއް ގެނެސްދޭނޭ ކަމެކެވެ.
ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި ކުންފުނީގެ ޗެއަރޕާސަން ޢަބްދުﷲ ގިޔާސް ރިޔާޒާއި ސީ.އީ.އޯ. އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ހިމެނިވަޑައިގަންނަވައެވެ. އަދި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަޞީރާއި އާމިނަތު ވުލާއު މުޙައްމަދު ނާޒިމާއި ޢަބްދުއްސަމިޢު ޢިމާދާއި ޢާއިޝަތު ޙަމީދު ތިއްބަވައެވެ.