ޚަބަރު
ޤައުމީ ޚިދުމަތުގެ ނިޒާމަކީ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު މުހިންމު ޕްރޮގްރާމެއް!
ހެޑް އޮފް ސާވިސް ޑިވަލޮޕްމެންޓް ޑިރެކްޓޮރޭޓް އަޙްމަދު ޝިފާން
ޤައުމީ ޚިދުމަތުގެ ނިޒާމަކީ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު މުހިންމު ޕްރޮގްރާމެއް ކަމަށް ހެޑް އޮފް ސާވިސް ޑިވެލޮޕްމެންޓް ޑިރެކްޓޮރޭޓް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިހެން ވިދާޅުވީ ކިޔެވުމުގެ ފުރުޞަތު ނެތް ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރެވޭނެ ގޮތަށް، ޤައުމީ ޚިދުމަތުގެ ނިޒާމެއް ތަޢާރަފްކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އިޢުލާނުކުރެއްވުމާއި ގުޅިގެނެވެ.
ޝިފާން މިކަމާ ގުޅިގެން އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކިޔެވުމުގެ ކުރިމަގެއް ފަހިވެފައި ނެތް އަދި ވަޒީފާގެ ފުރުޞަތެއް ލިބިފައި ނުވާ ޙާލަތުގައި ތިބޭ ޒުވާނުން ކުށަށް ހުށަހެޅޭކަން ތަފާސްހިސާބުން ޔަޤީން ކޮށްދޭ ކަމަށެވެ. އަދި ބޯހިމެނުމުގެ އަދަދުތައް ބުނާގޮތުން 24-15 ދެމެދު އަހަރުގެ އުނގެނުމުގެ ފުރުޞަތުނެތް އަދި ވަޒީފާއެއްގައި ޝާމިލް ނުވާ ގާތްގަޑަކަށް 15 އިންސައްތަ ޒުވާނުން ރާއްޖޭގައި ދިރިއުޅޭ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޤައުމީ ޚިދުމަތުގެ ނިޒާމަކީ، ރަސްމީ ނިޒާމެއްގެ ތެރެެއިން ޒުވާނުންނަށް އަޅާލުމެއް ނުލިބުމުގެ ސަބަބުން ދައުލަތަށް އުފުލަން ޖެހޭ ބުރައާއި މިކަމުގެ އިގްތިޞާދީ އަދި އިޖްތިމާއީ ގެއްލުމުން މިންޖުވެ، ދިވެހިރާއްޖޭގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު ވަރަށް މުޙިއްމު ޕްރޮގްރާމެއް
ޝިފާން ވިދާޅުވެފައިވެއެވެ.
ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ މަސައްކަތަށް ބޭނުންވާ ވަރަށް މީހުން ހޯދުމަށް މިހާތަނަށް މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އެގޮތުން އޯލެވެލް ނިމި އޭލެވެލްއަށް ނުދެވި ތިބޭ އަދި އޭލެވެލް ނިންމައި ޑިގްރީއަށް ނުދެވި ތިބޭ ބައިވަރު ކުދިން އެބަތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ކުދިންނަށް މުޖުތަމައުގައި ވަޒީފާ ވެސް ނުލިބޭކަން ފާހަގަކުރެއްވިއެވެ.
ނަތީޖާއެއްގެ ގޮތުން އެފަދަ ކުދިން މަސްތުވާތަކެއްޗާއި އެކި ކަހަލަ ނުބައި ޢަމަލުތަކަށް ހުށަހެޅޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ސަރުކާރުންނާއި، މުޖުތަމަޢާއި، އެ ކުދިންގެ އާއިލާއިން އުފުލަންޖެހޭ ބުރަ ބޮޑުކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެކުދިންނަކީ ޢަސްކަރީ ތަމްރީނު ލިބި، ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ ޤައުމަށާއި ސިފައިންގެ ޚިދުމަތަށް ވެސް ލިބޭނެ ކުރިއެރުމަކަށް ވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.