ޚަބަރު
ވަޤުފްގެ ދާއިރާއިން އިންވެސްޓް ކުރުމަށް ބީއެމްއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ބީއެމްއެލް އާއި އިސްލާމީ ވުޒާރާއާއި ދެމެދު ފަހުމުނާމާގައި ސޮއިކުރުން
ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްލާމީ ޚިދުމަތްތައް ފުޅާކުރުމަށް ހިންގާ ވަޤުފު މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ އުޞޫލުތަކުގެ ދަށުން ހޯދައިދިނުމެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވަޤުފު މަޝްރޫޢުތައް ފެށުން ލަސްވެފައި ހުރީ ފައިސާ ހަމަނުޖެހުމުގެ ސަބަބުންކަމަށާއި، ނަމަވެސް މިފަދަ އެއްބަސްވުންތަކުގެ ސަބަބުން އިތުރު މަޝްރޫޢޫތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައުޤާފް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު، އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫޢުތައް ނިންމާލުމެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވަޤުފު މަޝްރޫޢުތަކަކީ މުޅި ޤައުމުގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ ކަންކަންކަމަށެވެ. އަދި ދައުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ރާއްޖޭގައި ހުރި އެތައް ސަތޭކަ މިސްކިތްތައް މަރާމާތުކުރުމާއި އެހެނިހެން ޚަރަދުތައް ކުރުމަކީ ދަތިކަމެއްކަމަށެވެ. "ބީއެމްއެލް އިން އިސްލާމީ އުޞޫލުން އިންވެސްޓްކުރުމަކީ މުޖުތަމައުއަށް، މުޅި ޤައުމަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއް. މާލޭގައި ޤާއިމްކުރާ މިފަދަ ތަންތަނުން މުޅިރާއްޖެއަށް ފައިދާކުރާނެ،" ވަޒީރު ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި މާލީ އެހީއާއި އިސްތިރާޖީގޮތުން ބޭންކުން އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ. "އަޅުގަނޑުމެންގެ ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވިގޮތަށް އާމްދަނީ ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަކީ މުހިއްމުކަމެއް. ދީނީ ކަންތައްތައް ކުރިއެރުވުމަށްޓަކައިވެސް ދެމެހެއްޓެނިވިގޮތަށް އާމްދަނީ ލިބޭނެ ގޮތް މުހިއްމު،" ޝަރީފް ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ސަރުކާރުން ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢުތަކަށް ބީއެމްއެލް އިސްލާމިކްއިން ޖުމްލަ 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ "ދާރުލްސަލާމް"އާއި މާލޭގައި ތަރައްޤީކުރާ "ދާރުލްއަރްޤަމް"އަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ އުޞޫލްގެ ދަށުން ހަމަޖައްސާދޭން ބޭންކުން އެހީތެރިވާނެއެވެ. މި ދެ އިމާރާތަކީ ވެސް 12 ފަންގިފިލާގެ އިމާރާތްތަކެކެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުތައް މާލެ ސަރަޙައްދުން ބޭރުގައި ފުޅާކުރުމުގެ ގޮތުން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން އެކި ސިޓީތަކުގައި ވަޤުފް މަޝްރޫޢު ފެށުމަށް ނިންމަވާފައެވެ. މިގޮތުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤުފް އިމާރާތްތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން އިސްލާމީ ދާއިރާއަށް ދެއްވާ މި ސަމާލުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެކަމަށް ބެލެވެއެވެ.