Ads by Stelco

ޚަބަރު

އައްޑޫ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރު 10 ދުވަހުތެރޭ ބޭނުންކުރަން ފެށޭނެ: ފެނަކަ

އައްޑޫ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ 2 ޖަނަރޭޓަރު 10 ދުވަހުތެރޭ ބޭނުންކުރަން ފެށޭނެ: ފެނަކަ

އައްޑޫ ސިޓީ އަށް ގެންދިޔަ ޖެންސެޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޮކްޓޯބަރު 2025، 11:51

30 އޮކްޓޯބަރު 2025، 11:51

އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭން ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން (ފެނަކަ) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޖުމްލަ ތިން ޖަނަރޭޓަރު ވަނީ އެ ސިޓީއަށް ގެންގޮސްފައެވެ. އެއީ 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރާއި 1.6 މެގަވޮޓުގެ އެއް ޖަނަރޭޓަރެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައިވަނީ، 1.6 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އަދި 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި އެ ޖަނަރޭޓަރުވެސް ބޭނުން ކުރަން ފެށޭނެކަމަށެވެ. "1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރުވެސް 10 ދުވަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ،" ނަޖާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ފާހަގަކުރައްވާ ނަޖާހު ވިދާޅުވީ، އިތުރު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެނައުމަށް ޓެންޑަރަށް ލާފައިވާކަމަށާއި، އެ ޖަނަރޭޓަރު މިއަހަރުގެ ނިޔަލަށް ލިބޭނެކަމަށެވެ. މިއާއެކު އަންނަ ރަމަޟާންމަހުވެސް ކަރަންޓު އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައިވެސް ފެނަކައިން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ނަޖާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު 11.6 މެގަވޮޓަށް އަރައެވެ. އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، ކުރިން ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުގެ ސަބަބުން ހަލާކުވުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން އެ ސިޓީގައި ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހި، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މި ދަތިތައް ހައްލު ކުރުމަށްޓަކައި ފެނަކައިން ވަނީ މީގެ ކުރިންވެސް އައްޑޫ ސިޓީއަށް ޖަނަރޭޓަރުތަކެއް ފޮނުވާފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން