ދުނިޔެ

މިއަހަރުގެ އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ "މެލިސާ" ތޫފާނުގެ ސަބަބުން ކެރިބިއަންގެ ރަށްތަކަށް ބޮޑުގެއްލުމެއް

މިއަހަރުގެ އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ "މެލިސާ" ތޫފާނުގެ ސަބަބުން ކެރިބިއަންގެ ރަށްތަކަށް ބޮޑުގެއްލުމެއް

ތޫފާން މެލިސާގެ އަސަރު ، ރާޅޫ ބޮޑުވެ ވައިގަދަވެފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޮކްޓޯބަރު 2025، 02:11

30 އޮކްޓޯބަރު 2025، 02:11

މިއަހަރުގެ އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ "މެލިސާ" ތޫފާނުގެ ބާރުގަދަކަމުން، ކެރިބިއަން ސަރަހައްދުގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް މިލިއަން ބަޔަކު ކަރަންޓުން މަހުރޫމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ތޫފާނު ފެށިފައި މިވަނީ ހޯމަ ދުވަހުއެވެ.

އިންޓަނޭޝަނަލް ނިއުސް އެޖެންސީތައް ބުނާ ގޮތުގައި، ކެޓަގަރީ 5 ގެ މި ތޫފާނުގެ ސަބަބުން، ހެއިޓީން މިހާތަނަށް ތިން މީހުން މަރުވެފައިވާއިރު، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ގިނަ އަދަދެއްގެ ހިސާބުތަކުން ވަނީ ބިންގަނޑު ކަނޑައިގެންގޮސްފައެވެ. ތޫފާނުގެ ކުރިން 3،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކޮށްފައެވެ. ސަރުކާރުން ވަނީ ހެއިޓީއަށް ކުރާ ދަތުރުތައް ހުއްޓާލައި، ރައްޔިތުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފައެވެ.

ޔޫ.އެސް. ނެޝަނަލް ހަރިކޭން ސެންޓަރ (އެން.އެޗް.ސީ) އިން ބުނީ، މެލިސާ ތޫފާނުގެ ބާރުމިން މިހާރު ގަޑިއަކު 280 ކިލޯމީޓަރަށް އަރާފައިވާ ކަމަށާއި، މި ތޫފާނުގެ ސަބަބުން ގިނަ ރަށްތަކަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓިއޮރޮލޮޖިސްޓުންގެ އިންޒާރު ބުނާ ގޮތުގައި، މި ތޫފާނުގެ ސަބަބުން އިމާރާތްތަކަށާއި ކަރަންޓުގެ ނިޒާމަށާއި ގޮނޑުދޮށުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ.
ޖެމެއިކާއަށް މި ތޫފާނު އެރިއިރު، އެއީ ކެޓަގަރީ 5 ގެ ތޫފާނެކެވެ. ގަޑިއަކު 298 ކިލޯމީޓަރާ ހަމައަށް ވައިޖެހި، ގިނަ އަދަދެއްގެ ގޭގޭގެ ފުރާޅު ވަޔާއެއްލާލާ، ގަސްތައް ވެއްޓި، އެތައް މަގެއް ހަލާކުވިއެވެ. ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޖެމެއިކާގެ ސެއިންޓް އެލިޒަބަތު ސަރަހައްދު ވަނީ މުޅިން ފެނު އަޑީގައެވެ. 500،000 އަށްވުރެ ގިނަ މީހުންނަށް ކަރަންޓު ނުލިބެއެވެ. ބޮޑުވަޒީރު އެންޑްރޫ ހޯލްނެސް ވިދާޅުވީ، ތޫފާނުގެ ސަބަބުން ހޮސްޕިޓަލްތަކަށާއި ސަރުކާރުގެ އިމާރާތްތަކަށާއި މަގުތަކުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށްދާ ވަރަކަށް މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އިންޒާރު ދެއްވިއެވެ. ތޫފާނުގެ ކުރިން، ޖެމެއިކާގެ ގޮނޑުދޮށުގެ ސަރަހައްދުތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި ބޮޑުވަޒީރު ހޯލްނެސް ވަނީ، "އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ" ކަމަށް ވިދާޅުވެފައެވެ.

ޖެމެއިކާއަށްފަހު މެލިސާ ތޫފާނު ކިއުބާއާ ހަމައަށް ދިޔައިރު، އެއީ ކެޓަގަރީ 3 ގެ ތޫފާނެކެވެ. ނަމަވެސް، ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ފުޅާދާއިރާއެއްގައި ގެއްލުންދެމުންދިޔައެވެ. ރައީސް މިގޭލް ޑިއާޒް-ކަނެލް ވިދާޅުވީ، ތޫފާނު އައުމުގެ ކުރިން އިރުމަތީ ސަރަހައްދުތަކުން 700،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ހުސްކޮށްފައެވެ. ސެންޓިއާގޯ ޑެ ކިއުބާ ސިޓީއާއި އެހެނިހެން ސަރަހައްދުތައް ވަނީ ފެންބޮޑުވެފައެވެ. އަދި ގިނަ އަދަދެއްގެ ޕްރޮވިންސުތަކުން ކަރަންޓު ވަނީ މުޅިން ކެނޑިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓޭޖުތަކާއި ރޮއިޓާޒް އަދި އޭ.އެފް.ޕީން ރިޕޯޓުކޮށްފައިވާ މަންޒަރުތަކުން ފެންނަނީ ގިނަ އަދަދެއްގެ ގޭގެއާއި، ކާރުތައް ފެނު އަޑީގައި  ހުރި މަންޒަރުތަކެވެ. އަދި އެއާޕޯޓުތަކުގެ ރަންވޭތައްވެސް ވަނީ ފެނު އަޑީގައެވެ. ޔޫ.އެސް.ގެ ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ ޖެމެއިކާގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުވެފައެވެ. އަދި ޔޫ.އެސް. ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކުއްލި ހާލަތުގައި އެހީތެރިވުމަށްޓަކައި ރެސްކިއު ޓީމުތައް ފޮނުވުމަށް ހުއްދަ ދީފައެވެ.

މެޓިއޮރޮލޮޖިސްޓުން ބުނާ ގޮތުގައި، މެލިސާ ތޫފާނަކީ ކެރިބިއަންގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބާރުގަދަ ތޫފާނުތަކުގެ ތެރޭގައި ހިމެނޭ ތޫފާނެކެވެ. 1988 ވަނަ އަހަރުގެ ގިލްބާޓް ތޫފާނާއި 2005 ވަނަ އަހަރުގެ ވިލްމާ ތޫފާނާ އެއްފަދަ ބާރުމިނެއް މި ތޫފާނުގައިވެއެވެ. ތިމާވެށީގެ އެކްސްޕާޓުން އިންޒާރު ދެއްވާފައިވާ ގޮތުގައި، ކަނޑުގެ ފެންގަނޑުގެ ހޫނުމިން މަތިވަމުން ދިއުމުގެ ސަބަބުން މުސްތަގުބަލުގައި ކެރިބިއަން ސަރަހައްދަށް ކުރިމަތިވާ ތޫފާނުތައް މިހާރަށްވުރެވެސް ބާރުގަދަވެ، ގެއްލުންތައް އިތުރުވާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން