ޚަބަރު
ޢަދާވަތްތެރީންގެ ހެކިބަސް ބަލައިގަތުމަށް މަޖިލިހަށް އިޞްލާޙެއް ހުށަހަޅައިފި
ޢަދާވަތްތެރީން.
ފަރުދުން
30 އޮކްޓޯބަރު 2025، 02:35
30 އޮކްޓޯބަރު 2025، 02:35
ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި، ދަޢުވާކުރެވޭ މީހާއާ ޢަވާވަތްތެރި ފަރާތެއްގެ ނުވަތަ މަޞްލަޙަތު ފުށުއަރާ ފަރާތެއްގެ ހެކިބަސް ޤަބޫލުނުކުރުމަށް ހެތްކާ ބެހޭ ޤާނޫނުގައި އޮތް މާއްދާ އުވާލުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް އިޞްލާޙެއް ހުށަހަޅައިފިއެވެ.
2022ވަނަ އަހަރު ފާސްކުރި ހެތްކާ ބެހޭ ޤާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް ބަންޑާރަ ނާއިބުގެ އިދާރާއިން މަޖިލިހަށް ބިލެއް ހުށަހަޅާފައިވާއިރު، ހެތްކާ ބެހޭ ޤާނޫނުގައި އޮތް ހަތަރު މާއްދާއެއް އުވާލުމަށް އެ ބިލުގައި ވަނީ އެދިފައެވެ.
ބިލުގައި އުވާލުމަށް ބުނާ އެއް މާއްދާއަކީ ހެތްކާ ބެހޭ ޤާނޫނުގެ 51ވަނަ މާއްދާއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، މައްސަލައިގެ ޚަޞްމަކާ ފުށުއަރާ މަޞްލަޙަތެއް ނުވަތަ ޚަޞްމަކާ ޢަދާވަތްތެރިކަމެއް އޮތް މީހެއްގެ ހެކިބަސް ޤަބޫލުނުކޮށް، ރައްދުކުރާން ޖެހޭ ކަމަށެވެ.
މި މާއްދާ އުވާލުމަށް ހުށަހަޅާފައިވާއިރު، މާއްދާ އުވާލައިފި ނަމަ، ޢަދުއްވުންނާއި މަޞްލަޙަތު ފުށުއަރާ މީހުންގެ ހެކިބަސް ޝަރީޢަތުގައި ބަލައިގަންނާނެއެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލުގައި އުވާލަން ކަނޑައަޅާފައިވާ އަނެއް މާއްދާއަކީ ހެތްކާ ބެހޭ ޤާނޫނުގެ 75ވަނަ މާއްދާއެވެ. އެ މާއްދާގައި އޮތީ، މަރު ބަލީގައި އޮތް މީހާ އެހެން މީހެއްގެ ޙައްޤަކާ މެދުގައި ވާ އިޤުރާރަކީ ބަލައިގަނެވޭނޭ ޞައްޙަ އިޤުރާރެއް ކަމުގައެވެ.
މި މާއްދާ އުވާލުމުން، މަރު ބަލީގައިވާ މީހުންގެ އިޤުރާރުގެ މައްޗަށް ޢަމަލުކުރުން ހުއްޓާލާނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޢަދުއްވުންގެ އެކަކު އަނެކަކާ ދެކޮޅަށް ދޭ ހެކިބަސް ޤަބޫލުނުކުރުމަކީ މުސްލިމު ދަންނަ ބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން ދެކިލައްވާ ގޮތެވެ. ސަބަބަކީ، ޢަދުއްވުން އެކަކު އަނެކަކާ ދެކޮޅަށް ދޭ ހެކިބަހަކީ އެ ދެމީހުންގެ ޢަދާވަތްތެރިކަމާއި ނަފްރަތުގެ ސަބަބުން އައި ކަމެއް ކަމުގައި ވުން އެކަށީގެންވާތީ، މިއީ ހެކިބަސް ބަލައިގަތުމުގައި ބަލާން ޖެހޭ މިންގަނޑަށް ނުފެތޭ ޙާލަތަކަށް ވުމެވެ. ހަމަ އެހެންމެ، މަރު ބަލީގައި އޮންނަ މީހާ އަނެކާއަށް ދޭން ޖެހޭ ޙައްޤަކާ މެދު ވާ އިޤުރާރު ވެސް ޖުމްހޫރު ޢިލްމުވެރީން އަރިހުގައި ޤަބޫލުވެގެން ވެއެވެ. ނަމަވެސް، އެ ޙައްޤު ލިބިގެންވަނީ ވާރިޘަކަށް ކަމުގައި ވަނީ ނަމަ، އެ ކަމުގައި ދެބަސްވުމެއް ވެއެވެ.