ޚަބަރު
ނަޞްރުގެ ދުވަހުގެ ތައްޔާރީތައް: ޖުމްހޫރީ މައިދާން ކައިރީ މަގުތައް ބަންދުކުރަނީ!
ނަޞްރުގެ ދުވަހަށް ތައްޔާރުވުމަށް ޖުމްހޫރީ މައިދާން ކައިރީ މަގުތައް ބަންދުކުރަނީ.
ފަރުދުން
30 އޮކްޓޯބަރު 2025، 03:05
30 އޮކްޓޯބަރު 2025، 03:05
ފެށޭ ނޮވެންބަރު މަހުގެ 3 ވާ ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، ޖުމްހޫރީ މައިދާން ކައީގައިވާ މަގުތައް ވަކި ވަޤުތުތަކަކަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މިއަންނަ ހަފްތާގެ ހޯމަ ދުވަހަކީ ނަޞްރުގެ ދުވަހަށް ވުމާ އެކު، އެ ދުވަހު ބާއްވާ ޢަސްކަރީ ބޭންޖެހުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ ރިހަރސަލްތައް ބޭއްވުމަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދަރު ފަހު 3:30އިން ފެށިގެން އިރު އޮއްސި 6:00އަށް އަދި ރޭގަނޑު 11:00އިން ރިހަރސަލް ނިމެންދެން، އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ޝާއިޢުކޮށްފައިވާ ޗާޓުން ދޭހަވާ ގޮތުގައި، ބޮޑުތަކުރުފާނު މަގު ވަޅޯމަސް މާރުކޭޓާ ހަމައިން ބީ.އެމް.އެލް. ހެޑު އޮފީހާ ޙިސާބަށް، އެއްގަމު އުޅަނދުފަހަރަށް ބަންދުވާނެއެވެ. އަދި އޯކިޑް މަގުގެ އެސް.ޓީ.އޯ. ޕީޕަލްސް ޗޮއިސްއާ ހަމައިން އަމީރު އަޙުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެއެވެ. މީގެ އިތުރުން، ޗާންދަނީ މަގުގެ ސީގަލް ކަންމަތީން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް އެ މަގު ބަންދުކުރުމަށް ހަމަޖެހިފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހަމައިން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަޙައްދަށް ޢާންމުން ވަނުމަށް ވެސް އިސްވެ ދެންނެވުނު ވަޤުތުތަކުގައި ހުއްދަ ލިބިގެން ނުވެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތަށް އަލުން ހުޅުވުމަށް ސަރުކާރުން ވަނީ ޖުމްހޫރީ މައިދާން އެކަށް މަރާމާތުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ތާރު އަޅައި، އެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، މިހާރު ވެސް ވަނީ ޖުމްހޫރީ މައިދާން ކުރިމަތީގައި އޮންނަ ސަރަޙައްދު ބަންދުކޮށްފައެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ ފުރަތަމަ ބައި ނިންމައި، ތާރު އެޅުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ނަސްރުގެ ދުވަހު ބާއްވާ މިލިޓަރީ ޑިސްޕްލޭގެ ރިހާސަލްތަކަށް، އޮކްޓޫބަރު 30 އިން ނޮވެމްބަރު 02 އަށް، ކޮންމެ ދުވަހެއްގެ 15:30 އިން 18:00 އަށް އަދި 23:00 ފެށިގެން ރިހާސަލް ނިމެންދެން ޗާޓުގައިވާ ގޮތަށް ޓްފެކް ފްލޯއަށް ބަދަލު ގެނެވޭނެ ވާހަކަ ދަންނަވަން pic.twitter.com/O0aGAH5ucM
— Maldives Police (@PoliceMv) October 30, 2025