ޚަބަރު
އަންނަ އަހަރަށް ކައުންސިލްތަކަށް 2.5 ބިލިއަން ރުފިޔާގެ ބްލޮކް ގްރާންޓެއް، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް
 
                    ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިއްދޫ ކައުންސިލާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ދައުލަތުން އަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، ރާއްޖޭގެ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް ހާމަކޮށްފިއެވެ. މި ބޮޑު މިންވަރަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް 2026 ވަނަ އަހަރުގެ ބަޖެޓު ބަޔާން އިއްވަވަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. ވަޒީރު ވިދާޅުވީ، ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަށް ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ކައުންސިލްތަކަށް ދޭ އެހީއެއް ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ކަނޑައަޅާފައިވާ 2.5 ބިލިއަން ރުފިޔާއަކީ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ދެއްވާ ބޮޑު އެހީއެކެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.5 ބިލިއަން ރުފިޔާ. ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެއް
ވަޒީރު ޒަމީރު
މާލީ ވަޒީރު އިތުރަށް ވިދާޅުވީ، ބްލޮކް ގްރާންޓުން ޚަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފައިދާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ބޮޑުވާނެއެވެ. މައިގަނޑު ސަބަބަކީ، އަންނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމަވާފައިވާ ބަދަލާއެކު، އަތޮޅު ކައުންސިލްތައް އުވިގެން ދިޔުމެވެ. އެއާއެކު ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އިންސައްތަ އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި ކައުންސިލްތަކަށް ލިބޭ ބަޖެޓަކީ، ރަށުގެ އާބާދީގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑު މިނަށް ބަލައިގެން ދޫކުރާ ގްރާންޓަކަށް ހެދުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މި ބަދަލުގެ ސަބަބުން، ކުދި އާބާދީތަކެއް ދިރިއުޅޭ ނަމަވެސް ބިމުގެ ގޮތުން ބޮޑެތި ރަށްރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބި، ލާމަރުކަޒީ ނިޒާމްގެ ދަށުން ރަށްރަށުގެ ތަރައްޤީއަށް އާ ބޮޅެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
 
                 
                             
                                         
                 
                 
                                             
                                            