ޚަބަރު
އަންނަ އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ތަޢުލީމީ ދާއިރާއަށް
ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް / ފޮޓޯ: ނ.އ.ތ.މ (ފޭސްބުކް)
ފަރުދުން
30 އޮކްޓޯބަރު 2025، 07:44
30 އޮކްޓޯބަރު 2025، 07:44
މި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ސިއްޙީ ދާއިރާއަށްފަހު ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ތަޢުލީމީ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއަށް ކަނޑައަޅާފައި ވަނީ 5.6 ބިލިޔަން ރުފިޔާއެވެ.
ތަޢުލީމީ ދާއިރާއަށް ހުށަހެޅި ބަޖެޓުގެ ތެރެއިން 1.9 ބިލިޔަން ރުފިޔާ ކަނޑައަޅާފައި ވަނީ ޕްރީ ސްކޫލް އަދި ފަށާ ތަޢުލީމުގެ މަރުހަލާގެ ކަންކަމަށެވެ.
އަދި ސާނަވީ ތަޢުލީމަށް 1.2 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މަތީ ސާނަވީ ފެންވަރަށްފަހު ދެވޭ ތަޢުލީމަށް 218.1 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން، މަތީ ތަޢުލީމަށް ކަނޑައަޅާފައި ވަނީ 831.7 މިލިޔަން ރުފިޔާއެވެ.
ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 779 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އޭގެ ތެރެއިން ސްކޫލް އިމާރާތްކުރުމާއި އަޕްގްރޭޑްގެ މަސައްކަތްތަކަށް ކަނޑައަޅާފައި ވަނީ 598.5 މިލިޔަން ރުފިޔާއެވެ.
އަދި މަތީ ތަޢުލީމްގެ މަޝްރޫޢުތަކަށް 124.2 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން ރިސާރޗް އިންސްޓިޓިއުޓްތަކާއި ލައިބްރަރީތަކަށް 7 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ޚާއްސަކޮށްގެން 116.8 މިލިޔަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ދީނީ ޚިދުމަތަށް 385.7 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. ޕީއެސްއަޕީގެ ދަށުން މިސްކިތް އިމާރާތް ކުރުމަށް 46.2 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު އެހެނިހެން ދީނީ ތަންތަނަށް ޚާއްސަކޮށްގެން 2 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މި އަންނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މި ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރަށް ލަފާކުރާ ޚަރަދުގެ ޖުމްލަ އަދަދަކީ 49.2 ބިލިއަން ރުފިޔާއެވެ. މި ޚަރަދުގެ ތެރެއިން، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.