ޚަބަރު
ސިނގިރޭޓު މައްސަލައިގައި ހައްޔަރުކުރި ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި
ސިނގިރޭޓު މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން---
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލްގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނަރ ސިނގިރޭޓުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެގޮތުން ތިރީގައިވާ ފާރަތްތަކަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް މިއަދު އަމުރުކޮށްފައިވާ ފަރާތްތަކެވެ.
- އަޙުމަދު ޢާރިފް (61އ) – ހައްޔަރުކުރީ 14 އޮކްޓޫބަރު 2025ގައި
- މުޢާޒު އަލީ (48އ) – ހައްޔަރުކުރީ 14 އޮކްޓޫބަރު 2025ގައި
- ޒިވާރު އިސްމާއީލް (40އ) – ހައްޔަރުކުރީ 14 އޮކްޓޫބަރު 2025ގައި
- އާދަމް ވަޙީދު (54އ) – ހައްޔަރުކުރީ 23 އޮކްޓޫބަރު 2025ގައި
- އަޙްމަދު ފިރުސާން (35އ) – ހައްޔަރުކުރީ 24 އޮކްޓޫބަރު 2025ގައި
މީގެ ތެރެއިން ޢާރިފް، ޒިވާރު އަދި މުޢާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންދުކޮށް، ތަހުޤީޤުގެ ބޭނުމަށް ކޯޓުން ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ގެންދިއުމުންނެވެ.
ދޯނީގެ ކެޕްޓަން އާދަމް ވަޙީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭނާ ބަންދުކުރަން ކުރިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ. އަދި އެމްޕީއެލް ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ފިރުޝާން ޝަރީއަތް ނިމެންދެން ބަންދުކުރީ އޭނާ ބަންދުކުރަން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުންނެވެ.
މި މައްސަލާގައި މިހާރު ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ކުރިން ހާމަކޮށްފައެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.