ކުޅިވަރު / ޚަބަރު

މިއަންނަ އަހަރުގެ ކުޅިވަރު ބަޖެޓު މި އަހަރަށް ވުރެ ދެގުނަ ބޮޑު

މިއަންނަ އަހަރުގެ ކުޅިވަރު ބަޖެޓު މި އަހަރަށް ވުރެ ދެގުނަ ބޮޑު

ކޮމޮންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް---

farudhun logo

ފަރުދުން

30 އޮކްޓޯބަރު 2025، 09:49

30 އޮކްޓޯބަރު 2025، 09:49

މިއަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވާއިރު، މި އަންނަ އަހަރު ކުޅިވަރަށް ކަނޑައަޅާފައި ވަނީ މި އަހަރަށް ވުރެ ދެ ގުނަ ބޮޑު ބަޖެޓެކެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ހުށަހެޅުއްވި ބަޖެޓުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް ކަނޑައަޅާފައިވަނީ 623,002,780 (ހަސަތޭކަ ތޭވީސް މިލިއަން ދެހާސް ހަތްސަތޭކަ އަށްޑިހަ) ރުފިޔާއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް މި އަހަރު ކަނޑައަޅާފައި އޮތީ 366،377،567  (ތިން ސަތޭކަ ފަސްދޮޅަސް ހަ މިލިއަން ތިން ލައްކަ ހަތްދިހަ ހަތް ހާސް ފަސް ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާއެވެ. 

މިއަންނަ އަހަރަށް ލަފާކުރާ ބަޖެޓު ބޮޑުވެފައި ވަނީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ބޮޑު އަދަދެއް އެ ބަޖެޓުގައި ހިމަނާފައިވާތީއެވެ. 

އެގޮތުން ކޯޕަރޭޓް އެފެއާރޒް، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންގއަށް ހިނގާނެކަމަށް އަންދާޒާކޮށްފައިވަނީ 477،110،086 (ހަތަރުސަތޭކަ ހަތްދިހަ ހަތް މިލިއަން އެއްލައްކަ ދިހަހާސް އަށްޑިހަ ހަ ރުފިޔާ) އެވެ. އަދި ޒުވާނުންނަށް 4،660،619 (ހަތަރު މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ނަވާރަ ރުފިޔާ) ކަނޑައަޅާފައިވާއިރު، ކުޅިވަރަށް ޚާއްޞަކޮށް 141،232،075 (ސަތޭކަ ސާޅީސް އެއް މިލިއަން ދެ ލައްކަ ބައްތިރީސް ހާސް ހަތްދިހަ ފަސް ރުފިޔާ) ހިމަނާފައިވެއެވެ.

މި ދާއިރާއިން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ޚާއްޞަކޮށްފައިވަނީ 403,138,601  (ހަތަރުސަތޭކަ ތިން މިލިއަން އެއް ލައްކަ ތިރީސް އަށްހާސް ހަސަތޭކަ އެއް ރުފިޔާ)އެވެ. މީގެ ތެރޭގައި އެތުލެޓިކްސް ޓްރެކްތައް އެޅުމާއި، ބެޑްމިންޓަން ކޯޓުތައް އެޅުމާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމާއި، ފުޓްބޯޅަ ދަނޑުތަކާއި، ހޭންޑްބޯލް ކޯޓުތަކާއި، މޮޓޯ ރޭސިންގ ޓްރެކްތަކާއި، ނެޓްބޯޅަ ކޯޓުތަކާއި، ކުޅިވަރު ކޮމްޕްލެކްސްތައް ގާއިމުކުރުމާއި، ސްޓޭޑިއަމްތަކާއި، ސްވިމިން ޓްރެކްތަކާއި، ޓެނިސް އަދި ވޮލީކޯޓުތައް އަދި ޔޫތް އެންޑް ކޮމިއުނިޓީ ސްޕޯޓްސް ތަރައްޤީކުރުން ހިމެނެއެވެ.

އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ، ހުރިހާ ރަށެއްގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތަކަށެވެ. އެކަމަށްޓަކައި 90،320،586 ( ނުވަދިހަ މިލިއަން ތިން ލައްކަ ވިހި ހާސް ފަސްސަތޭކަ އަށްޑިހަ ހަ ރުފިޔާ) ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ދެން އެންމެ ބޮޑު ހޭދައެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ، ހޭންޑްބޯޅަ ކޯޓުތައް އެޅުމަށެވެ. މިކަމަށް އަންދާޒާކޮށްފައިވަނީ 83،855،702 (އަށްޑިހަ ތިން މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ ދެ ރުފިޔާ) އެވެ. އަންނަ އަހަރު ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ ބޮޑު މަޝްރޫއެއް ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން