ޚަބަރު
ކަނބަލުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަދިވެސް އިތުރުކުރަން މަސައްކަތް ކުރަންޖެހޭ: ވަޒީރު
ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ވުޒާރާ
ކަނބަލުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަދިވެސް އިތުރުކުރަން މަސައްކަތް ކުރަން ޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މިއަދު މެންދުރު ދަންފަޅީގެ ދަސްވެނިވުމުގެ ޙަފުލާގައި ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޙަފުލާގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން 90 ބޭފުޅުންނަކީ އަންހެން ބޭފުޅުންކަމުން އެކަމަށް މަރުޙަބާ ކިޔުއްވަމުން ވަޒީރު ވިދާޅުވީ، ގިނަ ޢަދަދެއްގެ ކަނބަލުން ދަސްވެނިވެގެން ދިޔުމަކީ އަންހެނުން ބާރުވެރިކުރުމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. ހަމަ އެހެންމެ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އަންހެނުންގެ ކުރިމަގު އުޖާލާވާނެ ކަމުގެ އުންމީދު ލިބިވަޑައިގަންނަވައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ކަނބަލުންނަށް އަދިވެސް ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް އިތުރުކުރައްވަން ޖެހޭ ކަމަށެވެ.
އަންހެނުންނަށް ހުރި ފުރުޞަތުތައް ފަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަދިވެސް އިތުރުކުރަން ޖެހޭ.
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު ވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ދިވެހި މުޖުތަމަޢުގައި އަދިވެސް ކަނބަލުންނަށް އޮންނަން ޖެހޭ އިތުބާރާއި އެ ބޭފުޅުންގެ ޤާބިލުކަމާ ދޭތެރޭގައި ކުރީންސުރެ ވެސް އަށަގެންފައި ހުރި ކަންތައްތައް ދެނެގަތުމަށްޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށްޓަކައި އެންމެ ޤާބިލު ބައެއްގެ ގޮތުގައި ފެންނާނީ ދަސްވެނިވެގެން ނިކުންނަވައި ބޭފުޅުންގެ ތެރެއިން ކަނބަލުންކަމީ ޝައްކެއް އޮތް ކަމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.