ޚަބަރު
ދުންފަތް މަނާކުރާ "ޖެނެރޭޝަން ބޭން"އަށް މަރުހަބާ ކިޔުމަށް ބާއްވާ ޓޯޗު ރަން ސިއްޙީ ވަޒީރު ފައްޓަވައިފި
ދުންފަތް މަނާކުރާ "ޖެނެރޭޝަން ބޭން"އަށް މަރުހަބާ ކިޔުމަށް ބާއްވާ ޓޯޗު ރަން ފެށުން / ފޮޓޯ: ޕީއެސްއެމް
ދުންފަތް މަނާކުރާ "ޖެނެރޭޝަން ބޭން"އަށް މަރުހަބާ ކިޔުމަށް ބާއްވާ ޓޯޗު ރަން، ސިއްޙީ ވަޒީރު އަބްދުالله ނާޒިމް އިބްރާޙިމް ފައްޓަވައިދެއްވައިފިއެވެ.
މި ދުވުން 24 ގަޑިއިރު ވަންދެން ނުހުއްޓި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ފަރާތުން ވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.
ދުވުން ފެއްޓެވުމަށްފަހު، މާލޭ ސިންތެޓިކް ޓްރެކްގެ ވަށައިގެން ފުރަތަމަ ބުރު ހިންގަވާފައި ޖެއްސެވީ ސިއްޙީ ވަޒީރެވެ. އެއަށްފަހު ޓޯޗު ހަވާލުކުރެއްވީ، 2007ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ރާއްޖޭގެ ހުނަރުވެރި ދެ އެތުލީޓުން ކަމުގައިވާ، ޓޭބަލް ޓޭނިސްގެ ފާތުމަތު ދީމާ އާއި އެތުލެޓިކްސްގައި ބާރު ދުވުންތަކުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ އަޙުނަފް ރައްޔާން ފަޙުމީއެވެ.
މި ދުވުމުގައި ސަރުކާރުގެ ވުޒާރާތަކުންނާއި އެސްއޯއީތަކުންނާއި އަދި ކުޅިވަރު ޖަމްޢިއްޔާ ޖަމާއަތްތައް ހިމެނޭހެން ޖުމްލަ 100އަށް ވުރެ ގިނަ އިދާރާ/އޮފީސް/ކްލަބްތަކުން ޓޯޗު ހިފައިގެން ދުވެ، "ޖެނެރޭޝަން ބޭން"އަށް މަރުހަބާ ކިޔުމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދުވުމުގައި ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި، ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމުގެ އެޑްވޮކެސީ ސްޓޯލެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. މި ދުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށް، ދުވުން އިންތިޒާމުކުރާ އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފައެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.