ޚަބަރު
މިއަދުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑުވާނެ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްގެތީމު ކައުންސިލާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ދިވެހި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، މިއަދުން ފެށިގެން ތިން ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް އަންނާނެއެވެ. މިކަމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ޚާއްސަކުރައްވާފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބަދަލާއެކު މުސާރަ ބޮޑުވާ ދާއިރާތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ އިތުރުން މިހާތަނަށް މުސާރަ ބޮޑުނުވެ ތިބި ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހިމެނެއެވެ. މިކަމަކީ، އެކި ދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު އެހެން ދާއިރާތަކުގެ މުސާރައިގައި އުފެދިފައިވާ ބޮޑު ފަރަގު ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް މިކަން ޢިއުލާންކުރައްވާފައިވާ ގޮތުން، މުސާރަ އެއްހަމަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އަންނަ 2026 ވަނަ އަހަރާ ހަމައަށް ދާއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަވެގެންދާނެ ކަމަށެވެ.
މިގޮތުން، މުސާރައާ ގުޅޭ ސިޔާސަތުތަކަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ބަދަލުތަކަށް ޚަރަދުކުރުމަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 1.68 ބިލިއަން ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. ދައުލަތުގެ ޕޭފްރޭމްވޯކް ހަރުދަނާކޮށް މުސާރަ އެއްހަމަކުރުމުގެ މި މަސައްކަތަކީ، އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އެއްބައެވެ.
މިހާރުވެސް ސަރުކާރުންވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސް ރަސްމީ މުސާރައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ، ދުވަސްވީ ކަންބޮޑުވުމެކެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް ފުރަތަމަ ފަހަރަށް ބަދަލެއް ގެނެސްފައިވަނީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން އެކި ނަންނަމުގައި އެލަވަންސްތައް ދިންނަމަވެސް، އެކަށީގެންވާ ގޮތެއްގައި މުސާރައަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ޕޭ ކޮމިޝަނުން މުސާރަ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 2022 ވަނަ އަހަރު ނަރުހުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވެއެވެ.