ޚަބަރު
"ޖެނެރޭޝަނަލް ބޭން" ފާހަގަކުރަން ބޭއްވި ކުޑަކުދިންގެ ޚާއްސަ ހަވީރަށް ބޮޑު ތަރުހީބެއް
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރު
ދުންފަތުގެ އިސްތިޢުމާލުން ރައްކާތެރި ޖީލެއް ބިނާކުރުމުގެ ސިޔާސަތު ކަމަށްވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ރާއްޖޭގައި ތަންފީޒުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން، ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން މިއަދު ހުޅުމާލޭގައި ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.
މިއަދުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ މި ހަވީރު ބާއްވާފައިވަނީ ހުޅުމާލެ ސެންޓްރަކް ޕާކުގައެވެ. ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ބޭއްވި މި ހަރަކާތް ކުރިއަށް ގެންދެވުނީ ހުޅުމާލޭގެ ސްކޫލްތަކާއި ސީއެޗްސީ (ކޮމިއުނިޓީ ހެލްތު ސެންޓަރ) ގުޅިގެންނެވެ.
މި ހަވީރުގައި އެކި އުމުރުފުރާގެ ކުދިންނަށް ޚާއްސަކޮށްގެން ތަފާތު ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ. ޚާއްސަކޮށް "ޖެނެރޭޝަނަލް ބޭން" އާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާބެހޭ ގޮތުން މައުލޫމާތުތައް ހިއްސާކުރުމަށް ޚާއްސަ ސްޓޯލްތައް ހުރިއިރު، އެކި ކުޅިވަރުތަކާއި ކާބޯތަކެތީގެ ސްޓޯލްތައްވެސް ހުއްޓެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ އިސްތިޢުމާލުގެ ނުރައްކާތަކާ މެދު ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމެވެ.
މި ހަވީރާ ގުޅޭގޮތުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މިއީ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަވީރެއް ކަމަށެވެ. އަދި ޒުވާނުންނާއި ހެދިބޮޑުވަމުން އަންނަ ކުދިން ދުންފަތުން ސަލާމަތްކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ވަރަށް ބޮޑު އަޒުމެއް މިކަމުގެ ސަބަބުން އާކުރެވިގެން ދިޔަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ ކަމެއް ކާމިޔާބު ކުރެވޭނީ އެންމެން ގުޅިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޚާއްސަ މި ހަވީރުގައި ބައިވެރިވި އެކި އުމުރުފުރާތަކުގެ މީހުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ވަނީ ސަރުކާރުން ނިންމެވި ނިންމެވުމަކީ މުހިންމު ނިންމެވުމެއް ކަން ފާހަގަކޮށްފައެވެ. އަދި މި ކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އެފަރާތްތަކުން ވިދާޅުވިއެވެ.
ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ހުޅުމާލޭ ސްކޫލްތަކުގެ އެއްބާރުލުމާއެކު ބޭއްވި ކުޑަކުދިންގެ ހަވީރަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ސަރުކާރުގެ މި ނިންމެވުމަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފުވެސް ކުރަމުންނެވެ.