ދުނިޔެ
އަނިޔާކުރާ ވީޑިއޯއެއް ލީކުވުމާ ގުޅިގެން އިސްރާއީލުގެ އެންމެ އިސް ގާނޫނީ ވަކީލު އިސްތިއުފާ ދީފި
އިސްރާއީލުގެ ސިފައިންގެ އެންމެ އިސް ގާނޫނީ ވަކީލު މޭޖަރ ޖެނެރަލް ޔިފާތް ޓޯމަރ-ޔެރޫޝަލްމީ
ބަނދުގައިތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސިފައިން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވުމާ ގުޅިގެން، އިސްރާއީލުގެ ސިފައިންގެ އެންމެ އިސް ގާނޫނީ ވަކީލު މޭޖަރ ޖެނެރަލް ޔިފާތް ޓޯމަރ-ޔެރޫޝަލްމީ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ފަލަސްތީނުގެ ރައްޔިތަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމުކުރުމުގައި އޭނާގެ ބައިވެރިވުން އޮތްކަން ގަބޫލުކޮށް އެކަމުގެ މަސްއޫލިއްޔަތު އުފުއްލެވުމަށްފަހު، ޓޯމަރ-ޔެރޫޝަލްމީ އިސްތިއުފާ ދިނީ މިއަދުއެވެ.
މިދިޔަ ހަފުތާގައި ފުލުހުން މި ވީޑިއޯ ލީކުވީ ގޮތާ ބެހޭ ތަހުގީގު ފެށުމާއެކު ޓޯމަރ-ޔެރޫޝަލްމީ ވަނީ ހުއްދަ ނަގައިގެން މަގާމާ ދުރުގައި ހުރުމަށްފަހު، މިއަދު އިސްރާއީލުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ލެފްޓިނަންޓް ޖެނެރަލް އޭލް ޒަމީރާ ބައްދަލުކޮށް އިސްތިއުފާގެ ސިޓީ ހުށައަޅާފައެވެ. އޭނާގެ އިސްތިއުފާ ވަގުތުން ބަލައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭނާ ހުށަހެޅި އިސްތިއުފާގެ ސިޓީގައި ޓޯމަރ-ޔެރޫޝަލްމީ ބުނެފައިވަނީ، "ސިފައިންގެ ގާނޫނީ އިދާރާތަކާ ދެކޮޅަށް ފަތުރަމުންދާ ދޮގު ކެމްޕޭނާ ދެކޮޅަށް މީޑިއާއަށް އެކަމުގެ މައުލޫމާތު ދިނުމަށް އަހަރެން ހުއްދަ ދިނިން" ކަމަށެވެ. އަދި މި ނިންމުމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލާ ކަމަށް ވެސް އޭނާ ބުންޏެވެ.
ލީކުވި ވީޑިއޯ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު އިސްރާއީލުގެ ޗެނަލް 12 އިން އާއްމުކުރިއިރު، އެ ވީޑިއޯގައި އިސްރާއީލުގެ ދެކުނުގައިވާ ސަޑޭ ތައިމަން ޑިޓެންޝަން ފެސިލިޓީގައި ފަލަސްތީނުގެ ގައިދީއަކަށް ސިފައިން ނުހަނު އަނިޔާކުރާ މަންޒަރު ފެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބި، ފަހުން ހޮސްޕިޓަލަށް ބަދަލުކޮށްފައިވެއެވެ.
މީގެ އިތުރުން، އެހެން ހާދިސާއެއްގައި ފަލަސްތީނުގެ ލީޑަރެއް ކަމަށްވާ މަރުވާން ބަރުގޫތީއަށް އިސްރާއީލުގެ ޖަލެއްގައި ދިން އަނިޔާގެ ސަބަބުން އޭނާގެ ހަތަރު ކަށިގަނޑު ބިންދައިގެން ގޮސްފައިވެއެވެ. އިސްރާއީލުގެ ސިފައިން ހިންގާ ސަޑޭ ތައިމަން ފެސިލިޓީގައި ޣައްޒާއިން ހިފާފައިވާ އެތައްހާށް މީހުން ހިފަހައްޓާފައިވާއިރު، އެ ތަނުގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، އަނިޔާކޮށް، ސިއްހީ ފަރުވާ ނުދީ، އިންސާނިއްޔަތާ ޚިލާފު ކަންކަން ކުރާ ކަމުގެ ތުހުމަތުތައް ވަރަށް ގިނައިން ވަނީ ކޮށްފައެވެ. ގިނަ ރިޕޯޓްތަކުން ވަނީ ގައިދީންނަށް އަނިޔާކޮށް، ސިއްހީ ފަރުވާ ނުދީ، އަދި އިންސާނިއްޔަތާ ޚިލާފަށް ކަންތައްތައް ކުރާ ކަމުގެ ހެކިތައް ހާމަކޮށްފައެވެ.