ދުނިޔެ

އިންޑިޔާ ޕާލިމެންޓުގެ 93 އިންސައްތަ މެންބަރުންނަކީ ބިލިއަނަރުންނާއި މިލިއަނަރުން: އޭޑީއާރު

އިންޑިޔާ ޕާލިމެންޓުގެ 93 އިންސައްތަ މެންބަރުންނަކީ ބިލިއަނަރުންނާއި މިލިއަނަރުން: އޭޑީއާރު

އިންޑިޔާ ޕާލިމެންޓު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ނޮވެމްބަރު 2025، 10:44

01 ނޮވެމްބަރު 2025، 10:44

އިންޑިޔާގެ ޑިމޮކްރަސީގައި ފައިސާގެ ނުފޫޒު ދަނީ އިތުރުވަމުންކަން ހާމަވާ ފަދަ އާ ރިޕޯޓަކުން ދައްކާ ގޮތުގައި، އެ ޤައުމުގެ ޕާލިމެންޓުގެ ތިރީގޭކަމަށްވާ ލޯކް ސަބާގެ މެންބަރުންގެ ތެރެއިން 93 އިންސައްތައަކީ މިލިއަނަރުން ނުވަތަ ބިލިއަނަރުންނެވެ. އިންޑިޔާގެ ސިޔާސީ ކަންކަމުގެ ސާފުކަން މޮނިޓަރ ކުރާ ޣައިރު ސަރުކާރު ޖަމްޢިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޮރ ޑިމޮކްރެޓިކް ރިފޯމްސް (އޭޑީއާރު) އިން ނެރެފައިވާ މި ރިޕޯޓުން ވަނީ، އިންޑިޔާގެ ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަކާއި އާންމު ރައްޔިތުންގެ މެދުގައި ފައިސާގެ ގޮތުން ހުރި ބޮޑު ތަފާތުތައް ފާހަގަކޮށްފައެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ 240 މެންބަރުންގެ ތެރެއިން 235 މެންބަރަކު ވަނީ ދިހަ މިލިއަން ރުޕީސް އަށް ވުރެ ގިނަ ފައިސާގެ މުދާ ހުރިކަމަށް ހާމަކޮށްފައެވެ. އަދި، ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އެއް މިލިއަނަށްވުރެން ދަށް ފައިސާގެ މުދާ ހުރިކަމަށް ރިޕޯޓުކޮށްފައިވަނީ އެންމެ ފަސް މެންބަރުންނެވެ. އިންޑިޔާގެ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ އަމިއްލަ މުދަލުގެ ތަފްޞީލުތަކުގެ މައްޗަށް ބިނާކޮށް އެޑީއާރު އިން ނެރެފައިވާ މި ރިޕޯޓުން ދައްކާ ގޮތުގައި، އިންތިޚާބުވެފައިވާ ރައްޔިތުންގެ މަންދޫބުންގެ މެދުގައި ފައިސާ އެއްކުރުން އިތުރުވެފައިވަނީ، ބީޖޭޕީން ކުރިން ދިން "އިލިޓިޒަމް" ނައްތާލައި އާދައިގެ ރައްޔިތުންނަށް ބާރުވެރިކުރުވުމުގެ ވައުދާ ޚިލާފަށެވެ.

2014 ގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމަނިކުފާނުގެ ޕާޓީ ވެރިކަމަށް އައީ "ރައްޔިތުންގެ ސަރުކާރެއް" ޤާއިމުކޮށް، މަތީ ފަންތީގެ މީހުންގެ ނުފޫޒު ނައްތާލުމުގެ ޝުޢޫރުތަކާއެކުއެވެ. އެހެންނަމަވެސް، ދިހަ އަހަރު ފަހުން  މައުލޫމާތުތަކުން ދައްކަނީ އެހެން މަންޒަރެކެވެ. ބީޖޭޕީ އަކީ މިހާރު އިންޑިޔާގެ އެންމެ މުއްސަނދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއަކަށް ވެފައިވާއިރު، އެ ޕާޓީގެ ގިނަ މެންބަރުންނަކީ އިޤްތިޞާދީ ގޮތުން މަތީ ފަންތީގެ މީހުންނެވެ.

އޭޑީއާރުން ބުނާ ގޮތުގައި، މިލިއަނަރު މެންބަރުންގެ ޢަދަދު އިތުރުވަމުން އަންނަނީ އަމިއްލަ މުދާ އިތުރުވުމުގެ އިތުރުން އިންޑިޔާގައި އިންތިޚާބުތަކަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، "އިންޑިޔާގެ ޑިމޮކްރަސީ މިހާރު ވަނީ މުއްސަނދިންގެ ދާއިރާއަކަށް ވެފައި" އެވެ. ސިޔާސީ ގޮތުން ކާމިޔާބުވުމަށްޓަކައި މާލީ ބާރުވެރިކަމަކީ މިހާރު ނުހަނު މުހިންމު ކަމެކެވެ.

އިންޑިޔާގެ މީޑިއާތަކުން ބުނާ ގޮތުގައި، މި ދިރާސާގެ ހޯދުންތަކުގެ ސަބަބުން އިންފްލޭޝަން، ވަޒީފާ ނެތުން އަދި އާދައިގެ ރައްޔިތުންގެ މާލީ ތަފާތުތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ހިތްހަމަ ނުޖެހުން އިތުރުވެދާނެއެވެ. ސިޔާސީ ތަޙުލީލުކުރާ ފަރާތަކުން ބުނެފައިވާ ގޮތުގައި، "ފެންނަ ތަފާތު ބޮޑެވެ، ސިޔާސީ ފަންތީގެ މީހުން ދަނީ މުއްސަނދިވަމުން، އެހެންކަމުން އާދައިގެ އިންޑިޔާ ރައްޔިތުން ދަނީ އިޤްތިޞާދީ ދަތިތަކާ ކުރިމަތިލަމުންނެވެ."

އޭޑީއާރު ރިޕޯޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އިންޑިޔާގައި ސިޔާސީ ބާރާއި މާލީ ނުފޫޒާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވުމުގެ ސަބަބުން، އާދައިގެ ފެންވަރުގެ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރުން އުނދަގޫވެއެވެ. އަދި، ފައިސާއާއި ސިޔާސަތާ ދެމެދު އުފެދޭ މި ގުޅުމުގެ ސަބަބުން ޑިމޮކްރެޓިކް މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތްކަމަށް ވެސް ރިޕޯޓުން ވަނީ އިންޒާރު ދީފައެވެ.

މި ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ، ސިޔާސަތުގައި ފައިސާގެ ނުފޫޒު ކުޑަކުރުމަށްޓަކައި އަވަސް މަސައްކަތްތަކެއް ކުރުން މުހިންމު ކަމުގައެވެ. އަދި، ކޮރަޕްޝަން ހުއްޓުވައި އިންޞާފުވެރި ކުރުމަށްޓަކައި ޚަރަދުތަކަށް ހަރުކަށި ހަމަތަކެއް ގެނެސް، އިންތިޚާބީ ކޮމިޝަންގެ ބެލެހެއްޓުން އިތުރުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން